ޚަބަރު
ބިނާކުރަންވީ އެންމެން ބައިވެރިވާ އަދި އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް: މެޑަމް ސާޖިދާ
ރިވެލި އެވޯޑު ހާސިލް ކުރެއްވި ފަރާތަކަށް އެވޯޑު ހަވާލުކޮށްދެއްވުން---
ދިވެހިރާއްޖޭގައި ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިރޭ ބޭއްވި "ރިވެލި އެވޯޑް" ގެ ރަސްމީ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާގައި "ރިވެލި އެވޯޑު 2026" ޙާޞިލުކުރި 8 ފަރާތައް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
އެވޯޑު ޙާޞިލުކުރެއްވި ފަރާތްތަކާ މުޚާޠަބު ކުރައްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، އެ ބޭފުޅުންނަކީ އާދަޔާ ޚިލާފު ކުޅެދުންތެރިކަމަކާއި ފަންނުވެރިކަމެއް ދައްކުވައިދިން، މުޖުތަމަޢުގެ ވަރަށް އަގުހުރި މޭސްތިރިންތަކެއް ކަމަށް ވިދާޅުވިއެވެ. އަދި އެ ފަރާތްތަކާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށާއި، އެ ފަރާތްތަކުން އެ ދައްކުވައިދެނީ ވަރުގަދަ ޢަޒުމާއި ސާބިތުކަމުގެ މުހިންމު މިސާލެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މުޖުތަމަޢުގެ ނިޒާމުތައް ބައްޓަންވާންވާނީ ކުލުނާއި ކަމޭހިތުމަށް ދިރުންލިބި، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންވާ ގޮތަށް ކަމުގައި އެކަމަނާގެ ވާހަކަފުޅުގައި ބާރުއަޅުއްވައި ވިދާޅުވިއެވެ.
މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް، އެފަދަ ފަރާތްތައް ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއްވެސް ފަރާތެއް ބާކީ ނުކޮށް، އެންމެން ޝާމިލްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ އެއް ސިޔާސަތުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑު ވަރަށް ކައިރިން އައްސަވާ ކަމަށާއި، އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދެއްވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ، ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.