ޚަބަރު
ގުޅީ ސްކޫލްގެ އައު އިމާރާތުގެ ރޫފް ބީމް ރީއިންފޯސްމަންޓް މަސައްކަތް ބާރަށް ކުރިއަށް
ކ. ގުޅީ ސްކޫލުގައި އަލަށް އިމާރާތްކުރާ 6 ކްލާސްރޫމާއި މަލްޓި-ޕާޕަސް ހޯލުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ކ. ގުޅީ ސްކޫލުގައި އަލަށް އިމާރާތްކުރާ 6 ކްލާސްރޫމާއި މަލްޓި-ޕާޕަސް ހޯލުގެ މަސައްކަތުގެ ތެރެއިން، ރޫފް ބީމް ރީއިންފޯސްމަންޓްގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގުޅީ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ރޫފް ބީމް ރީއިންފޯސްމަންޓްގެ މަސައްކަތްތައް މިހާރު ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 7 އެޕްރީލް 2025 ގައެވެ.
Project Update: Construction of 6 classrooms and a Multi - Purpose Hall at K. Gulhi School. Roof beam reinforcement works are ongoing. Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/vcy0yHfUvD
— MTCC Plc (@MTCCPlc) November 9, 2026
މި މަޝްރޫޢު ނިމުމުން ގުޅީ ސްކޫލުގައި ޒަމާނީ ފެންވަރުގެ 6 ކްލާސްރޫމާއި، ތަފާތު އެކި ބޭނުންތަކަށް ބޭނުންކުރެވޭނެ ތަނަވަސް މަލްޓިޕާޕަސް ހޯލެއް ގާއިމުވެގެންދާނެއެވެ.
އިމާރާތުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުރަތަމަ ފަންގިފިލާގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި އޭގެ ފަހުން ދެވަނަ ފަންގިފިލާގެ ބީމްތަކާއި ސްލެބް ފޯމްވޯކް އަދި ދަގަނޑު ބެއްދުމުގެ މަރުހަލާތައް ފުރިހަމަކޮށް، ޖުލައި މަހުގެ ތެރޭގައި ވަނީ ދެވަނަ ފަންގިފިލާގެ ސްލެބް ކޮންކްރީޓް އެޅުމުގެ މުހިންމު މަސައްކަތް ނިންމާފައެވެ.
1975 ވަނަ އަހަރު "މަކްތަބުލް ހުދާ" ގެ ނަމުގައި ކިޔަވައިދޭން ފަށައި، 2005 ވަނަ އަހަރު ސަރުކާރުގެ ސްކޫލަކަށް ބަދަލުކުރެވުނު ގުޅީ ސްކޫލަކީ މިހާރު ޕްރައިމަރީ އަދި ސެކަންޑަރީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ މުއައްސަސާއެކެވެ. މި އާ އިމާރާތް ނިމި ބޭނުންކުރަން ފެށުމުން، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ސްކޫލުގެ އެސެމްބްލީތަކާއި، އިންޑޯ ކުޅިވަރުތަކުގެ އިތުރުން މުޖުތަމަޢުގެ އެކި ހަރަކާތްތައް ބޭއްވުމަށް އެކަށޭނަ ރަނގަޅު ޖާގައެއް ތަނަވަސްވެގެންދާނެއެވެ.