ޚަބަރު
ރަޝިއާ އެމްބަސީއެއް ރާއްޖޭގައި ގާއިމުކުރުމަކީ އެ ގައުމުން ރާއްޖެއަށް ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް: ފޮރިން މިނިސްޓަރު
"އަހާ" ފޯރަމްގައި ހާރިޖީ ވަޒީރު އިރުތިޝާމް ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްއެމްޓީވީ
ދިވެހިރާއްޖޭގައި ރަޝިއާގެ އެމްބަސީއެއް ގާއިމުކުރުމަށް އެ ގައުމުން ނިންމުމަކީ، ރަޝިއާ ސަރުކާރުން ރާއްޖެއަށް ދޭ އިސްކަމާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބަހައްޓާ އަހައްމިއްޔަތުކަން ސާފުކޮށް ފެނިގެންދާ ކަމެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން އާންމު ރައްޔިތުންނަށް ސީދާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބޭއްވި "އަހާ" ފޯރަމްގައި، ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޚާރިޖީ ވަޒީރު އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ގައުމުތަކުން ރާއްޖޭގައި އެމްބަސީތައް ނުވަތަ ހައިކޮމިޝަންތައް ހުޅުވަނީ އެ ގައުމުތަކުގެ އަމިއްލަ އިސްނެގުމުގެ މަތިން، ދިވެހި ސަރުކާރަށް ރަސްމީކޮށް ހުށަހަޅައިގެންނެވެ. އެގޮތުން ބޭރު ގައުމުތަކުގެ މިޝަންތައް ރާއްޖޭގައި ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ، އެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ އަދި ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމާއި ދިވެހި ރައްޔިތުންނަށް ލިބޭ މަންފާތައް އިތުރުކުރުމެވެ.
"ރާއްޖޭގައި ރަޝިއާގެ ފަރާތުން އެމްބަސީއެއް ހުޅުވަން ބޭނުންވާނަމަ އެބޭފުޅުން ދިވެހި ސަރުކާރަށް ހުށަހަޅުއްވާފައި އެބޭފުޅުން އަމިއްލަށް ރާއްޖޭގައި އެމްބަސީއެއް ހުޅުވުމަށް އިސްކަމެއްދީފައި އެ ހުޅުވަނީ. ރާއްޖޭގައި އެކި ގައުމުތަކުގެ އެމްބަސީތައް ހުޅުވަނީ ދިވެހިންނަށް ލިބޭ ފައިދާތައް އިތުރުކުރުމާއި ދޭދޭ ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް"
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގައުމަކުން އެހެން ގައުމެއްގައި އެމްބަސީއެއް ގާއިމުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެ ގައުމެއްގެ ޝައުގުވެރިކަން ކަމަށެވެ. އެގޮތުން، މިހާރު ވެސް ރާއްޖޭގައި ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފަދަ އެކުވެރި ގައުމުތަކުގެ އެމްބަސީތައް ހިންގަމުން އަންނަނީ އެ އުސޫލުގެ ދަށުން ކަމަށާއި، ރަޝިއާއިން ވެސް ރާއްޖޭގައި މިޝަނެއް ގާއިމުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭތީ އެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ ރަޝިއާއަށް ރާއްޖޭގައި އެމްބަސީއެއް ގާއިމުކުރުމަކީ މުހިންމުކަމެއްކަމަށް ފެންނަނަމަ އެކަން ކުރައްވާނެ. އެ އުސޫލުގެ ތެރެއިން ދިވެހިރާއްޖޭގައި ސައޫދީ އަދި ޔޫއޭއީގެ އެމްބަސީތައްވެސް ގާއިމުކުރެވިފައި މި ހުންނަނީ."
ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ރާއްޖޭގައި ރަޝިއާގެ އެމްބަސީ ހުޅުވުމަށް ގިނަ ތައްޔާރީތަކެއް ވަމުންދާކަން، އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އިންފޮމޭޝަން އެންޑް ޕްރެސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު މާރިއާ ޒަކަރޯވާ ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި ހާމަކުރައްވާފައެވެ. އަދި އެކަމަށް ބޭނުންވާ އިދާރީ އަދި ލޮޖިސްޓިކް އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ރަޝިއާގެ ޑިޕްލޮމޭޓުންގެ ޓީމެއް މިހާރު ވެސް ވެރިރަށް މާލޭގައި ހަރަކާތްތެރިވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިއާއިން ރާއްޖޭގައި އެމްބަސީއެއް ހުޅުވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، މިވަގުތު ރަޝިއާގެ މޮސްކޯގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރެވިފައެއް ނުވެއެވެ. މިހާރު ރަޝިއާއަށް ކަނޑައަޅާފައި ހުންނަވަނީ ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ތުރުކީވިލާތުގައި ހުންނަވާ ދިވެހި ސަފީރެވެ. މާރިއާ ފާހަގަކުރެއްވި ގޮތުގައި، 2020 ވަނަ އަހަރުގެ ތެރޭގައި ރަޝިއާގައި ރާއްޖޭގެ މިޝަނެއް ގާއިމުކުރުމުގެ މަސައްކަތްތަކެއް ދިވެހި ސަރުކާރުން ފެށި ނަމަވެސް، އޭރު ދިމާވި ބަޖެޓުގެ ދަތިކަމާ ގުޅިގެން އެ މަސައްކަތް ވަނީ ވަގުތީ ގޮތުން މަޑުޖައްސާލަން ޖެހިފައެވެ.