ޚަބަރު
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމުމަށް އަމާޒު ހިފައިފި
"އަހާ" ފޯރަމްގެ ތެރެއިން - ފޮޓޯ: އެމްއެމްޓީވީ
ރައީސުލްޖުމްހޫރިއްޔާގެ މި ދައުރު ނިމެންދެން މަޑުނުކޮށް، މި ހިނގާ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމުމަށް ސަރުކާރުން ބާރު ދުވެލީގައި މަސައްކަތް ކުރަމުން އަންނަކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ..
މިކަން ވަޒީރު ޑރ ޝަފީއު ހާމަކުރެއްވީ ސަރުކާރުގެ ވަޒީރުން ރައްޔިތުންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ މަޝްރޫއު ދިގުދައްމައިނުލައި، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް ފިނިކޮށް ނިންމާލުން ކަމަށެވެ.
"ކޫލް ސްކޫލް" މަޝްރޫއާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ފުރަތަމަ ހިމެނިފައިވާ ކަމެއް ނޫން ނަމަވެސް، އެމަނިކުފާނު އެކި ރަށްރަށަށް ކުރެއްވި ޒިޔާރަތްތަކުގައި ރައްޔިތުންނާއި ބެލެނިވެރިން ހުށަހެޅި ޝަކުވާތަކާއި ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އިސްނަންގަވައިގެން ފެއްޓެވި ވަރަށް މުހިންމު މަސައްކަތެކެވެ. އަދި މި މަޝްރޫއަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތާއީދެއް ލިބެމުން އަންނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ހިތްފަސޭހަ މާހައުލެއްގައި އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، މުދައްރިސުންނަށް ވެސް ފަސޭހަކަމާއެކު އުނގަންނައިދެވޭނެ އެކަށޭނަ މާހައުލެއް ގާއިމުކޮށްދިނުމެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކަރަންޓުގެ ހިދުމަތް ފެނަކައިން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ބައެއް ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު އެ ކަންކަމަށް ހައްލު ހޯދައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ އެންމެ ބޮޑު އުންމީދަކީ، މި އަހަރުގެ ތެރޭގައި ހުރިހާ މަސައްކަތެއް ފުރިހަމަކޮށް، ކުރިއަށް އޮތް އައު ދިރާސީ އަހަރަށް ސްކޫލުތައް ހުޅުވޭއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ދަރިވަރުންވެސް ފިނިކުރެވިފައިވާ، ހިތްގައިމު މާހައުލެއްގައި ތައުލީމު ހާސިލުކުރަން ފެށުމެވެ.