ޚަބަރު
ހިލަ އެތެރެކުރުމަށް އޮތް ދަތިކަން ފިލުވަން ޕާކިސްތާނާއި ގުޅިގެން މަސައްކަތް ފަށައިފި
ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބް
ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ހިލަ އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ޕާކިސްތާނާއި ގުޅިގެން ހިލަ ގެނައުމުގެ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. އެ ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ހިލަ ލިބުމުގައި މިހާރު ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އިންޑިއާއިން ހިލަ ލިބުމުގައި ދިމާވެފައިވާ ހުރަސްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އިންޑިއާގެ ޓެމިލްނާޑޫ ސަރުކާރުން ހިލަ ބޭރުކުރުން މަނާކޮށްފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް އެ ނިންމުން ނިމުމަކަށް އަންނާނެ ކަމަށް އުންމީދުކުރެވުނު ނަމަވެސް، އެ މުއްދަތު އަނެއްކާވެސް އިތުރު ދެ މަސް ދުވަހަށް ދަންމާލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހިލަ ގެނައުމުގައި ވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތިތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހިލަ އާންމުކޮށް ލޯޑުކުރާ ޕޯޓުން ނުކުމެ، ހޯމުޒް ކަނޑުއޮޅި ހުރަސްކޮށް އަންނަން ޖެހުމަކީ އެ ދަތުރުތަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ޑރ. މުއްތަލިބު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން، އެ ގައުމުން ރާއްޖެއަށް ހިލަ ގެނައުމަށްޓަކައި ސަރުކާރުން މިހާރު ޚާއްސަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ.