ޚަބަރު
އެލްޖީއޭ ބޯޑުގެ މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ފުރުޞަތު ހުޅުވާލައިފި
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބައްދަލުވުމެއް. ފޮޓޯ: އެލްޖީއޭ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހުރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މި ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ކަމަށެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ރާއްޖޭގައި ލާމަރުކަޒީ ވެރިކަމުގެ ނިޒާމު ކުރިއަރުވައި ވަރުގަދަކުރުމާއެކު، އެކި ކައުންސިލްތަކުން ހިންގާ ހަރަކާތްތައް ހަމަޖެހޭ އުސޫލަކުން ވިލަރެސްކުރުމުގެ މައިގަނޑު ޒިންމާ އުފުލަނީ އެލްޖީއޭއިންނެވެ. އެ އިދާރާގެ ހިންގާ ބޯޑު އެކުލަވާލެވިފައި ވަނީ ދައުލަތުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ވެސް ފުރިހަމައަށް ހިމެނޭ ގޮތަށެވެ.