Ads by Farudhun

ޚަބަރު

އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އައިޖީއެމްއެޗް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ނޮވެމްބަރު 2026، 04:18

10 ނޮވެމްބަރު 2026، 04:18

މިދުވަސްވަރު އިންފްލުއެންޒާއާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ދުރާލާ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގައި ތަފާތު ވައިރަސްތަކާއި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އޭޖެންސީން ދަނީ އިރުޝާދު ދެމުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ، ވައިގެ ޒަރިއްޔާއިން ފެތުރޭ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފަދަ ބަލިތައް މިދުވަސްވަރު އިތުރުވަމުންދަނީ ކެއްސާއި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާނުކުރުމުގެ ސަބަބުން ކަމަށެވެ. އިންފްލުއެންޒާއަކީ އާދައިގެ ރޯގާއާއި އަލާމާތްތަކުގެ ގޮތުން އެއްގޮތް ބައްޔެއް ނަމަވެސް، މިއީ ތަފާތު ދެ ވައިރަހަކުން ޖެހޭ އަދި އާދައިގެ ރޯގާއަށްވުރެ ނުރައްކާތެރި ބައްޔެކެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މިފަދަ ރޯގާތަކުގެ ސަބަބުން ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާންޖެހުމުގެ ފުރުޞަތު ބޮޑެވެ.

މީގެ އިތުރުން، މިދުވަސްވަރަކީ ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވާތީ، ވާރޭވެހި ފެންބޮޑުވުމާއި ގޯތިގެދޮރާއި އާންމު ސަރަހައްދުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތީގައި އެޑިސް މަދިރި އާލާވުން އިތުރުވެ، ޑެންގީ ހުމާއި ޗިކުންގުންޔާ ފެތުރުމުގެ ފުރުސަތު ބޮޑުކަމަށްވެސް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ބޮލުގައާއި ލޮލުގައި ރިއްސުމުގެ އިތުރުން މަސްތަކާއި ހުޅުތަކުގައި ރިއްސުން ހިމެނެއެވެ.

ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ސައިބޯނި ލައިގެން ގަވާއިދުން އަތްދޮވުމާއި، ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ކެއްސާއި ކިނބިހި އަޅާއިރު އުޅަނބޮށި ނުވަތަ ޓިޝޫއަކުން އަނގައާއި ނޭފަތް ނިވާކުރުމަށާއި، ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި މާސްކު އެޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން، މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ހަށިގަނޑު ނިވާވާގޮތަށް އަންނައުނު އެޅުމާއި، މަދިރި ލޯޝަން ބޭނުންކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.

ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ގޭގައި އަރާމުކުރުމަށާއި ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން އެދިވަޑައިގަންނަވައެވެ. ނަމަވެސް، 3 ދުވަހަށްވުރެ ގިނަ ދުވަހު ހުން މަޑުނުވުން، ވާގިނެތުން ނުވަތަ ކާތަކެތި ނުހިފެހެއްޓުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަންޖެހެއެވެ.

ހުން އައިސް އަރިދަފުސް ރޯގާ ޖެހޭ ކުޑަކުދިން ވަރުބަލިވެ، 6 ނުވަތަ 8 ގަޑިއިރު ވަންދެން ކުޑަކަމު ނުދެވިއްޖެނަމަ، ނުވަތަ ގާތުން ދޭ ކުދިން รަނގަޅަށް ކިރު ނުބޯނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް ވަނީ އަންގަވާފައެވެ. ސަބަބަކީ އިންފްލުއެންޒާ ޖެހިއްޖެނަމަ، 5 އަހަރުން ދަށުގެ ކުދިން، ޚާއްޞަކޮށް 2 އަހަރުން ދަށުގެ ކުދިންގެ ހާލަތު ސީރިއަސްވުމުގެ ފުރުސަތު ބޮޑުވުމެވެ.

އާންމު ސިއްހަތު ރައްކާތެރިކުރެވޭނީ ހަމައެކަނި ސަރުކާރާއި ސިއްހީ މުއައްސަސާތަކުގެ މަސައްކަތުން ނޫން ކަމަށާއި، މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ފަރުދީ ޒިންމާ ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އެހެންކަމުން ކޮންމެ ފަރުދަކުވެސް އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދީ، އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450