ޚަބަރު
ކ. އަތޮޅު ރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެ
އައިޖީއެމްއެޗް ހޮސްޕިޓަލް. ފޮޓޯ: ދައުރު
ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އެ ލޯންޗުގެ ކެޕްޓަން ފިހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރު ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 05:30 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހުރީ އޭގެ ކެޕްޓަން އެކަންޏެވެ. އަލިފާނުގެ ސަބަބުން އޭނާގެ ކަރާއި މޭމަތި ވަނީ އެކިވަރަށް ފިހިފައެވެ. އަނިޔާވި 34 އަހަރުގެ މި ދިވެހި ފިރިހެން މީހާއަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި ހާދިސާގައި އަލިފާން ރޯވުމުގެ ސަބަބުން ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.