ޚަބަރު
މި މަހުގެ ނިޔަލަށް ބޭހުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެ: ސްޓޭޓް ފާމާ
ސްޓޭޓް ފާމާގެ ވެއާ ހައުސް - ފޮޓޯ: ވަގުތު
ރާއްޖޭގެ ބާޒާރުގައި ބޭސް ލިބުމަށް ދިމާވެފައިވާ ދަތިތަކަށް މި މަހުގެ ނިޔަލަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ޤައުމީ ބޭސް ކުންފުނި، ސްޓޭޓް ފާމާއިން ހާމަކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ މައި ވެއާހައުސްގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ހާއްސަ ހަރަކާތެއްގައި ވާހަކަދައްކަވަމުން، ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ މުހިންމު ގިނަ ބޭސްތައް މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް އެތެރެކޮށް، ގުދަންކުރެވޭނެ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަފުތާގައި ވެސް ގިނަ އަދަދެއްގެ ޝިޕްމެންޓްތައް ލިބިފައިވާ ކަމަށާއި، މިހާރުވެސް އިތުރު ޝިޕްމެންޓްތައް މެދުކެނޑުމެއްނެތި ރާއްޖެ ގެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ ކުރިން އެސްޓީއޯއިން ފޯރުކޮށްދެމުން އައި ބޭހުގެ ހިދުމަތް ސްޓޭޓް ފާމާއާ ހަވާލުކުރި ހިސާބުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދިނީ، ރާއްޖޭގައި ހުރި ބޭހުގެ ސްޓޮކް ދެނެގަނެ، އާންމު ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެހެން ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމަށް ކަމަށް އިމާދު ވިދާޅުވިއެވެ. އަދި އޮޕަރޭޝަނަލް ގޮތުން ދިމާވި ގޮންޖެހުންތަކާ އެކުވެސް، އަސާސީ ބޭސްތައް މެދުނުކެނޑި ފޯރުކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެންމެ ފުރަތަމަ އަމާޒަކަށް މަސައްކަތްކުރީ، ހިދުމަތަށް ބުރޫއެރުމެއްނެތި ބޭސް ފޯރުކޮށްދިނުން. އެހެންވީމަ އަޅުގަނޑުމެން ހީކުރި ގޮތަށްވުރެވެސް ރަނގަޅަށް އެކަންދިޔައީ. އޮޕަރޭޝަނަލް ޗެލެންޖެސް ހުރިކަމުގައިވިޔަސް އަޅުގަނޑުމެންނަށް ހިދުމަތްދިނުމުގެ ދައްޗެއް ނެތި ކޮންޓިނިއުކުރެވުނު."
އިމާދު ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ 195 ފާމަސީއަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި އިމާދު ވިދާޅުވީ، ހިދުމަތްތައް އަވަސްކުރުމަށްޓަކައި ހުޅުމާލޭގެ މައި ވެއާހައުސް ހުޅުވާފައި ހުންނަ ވަގުތު މިހާރު ރޭގަނޑު 10:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، އަތޮޅުތެރެއަށް ބޭސް އުފުލުމުގެ ނިޒާމު ހަރުދަނާކުރުމަށް ހާއްސަ އުޅަނދުތަކެއް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.
އަތޮޅުތަކަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ލޮޖިސްޓިކް ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަންނަ އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރީޖަނަލް ވެއާހައުސްތައް ގާއިމުކުރުމަށް ނިންމާފައިވާކަން ސްޓޭޓް ފާމާއިން ވަނީ ހާމަކޮށްފައެވެ.
"ވަރަށް ބައިވަރު ޝިޕްމެންޓުތައް މިދިޔަ ހަފްތާގައިވެސް އައިއްސި، މިހާރުވެސް އަންނަމުން މިދަނީ، ނޮވެމްބަރު ނިމެންވާއިރު އަޅުގަނޑުމެންނަށް ބޭހުގެ ބޮޑު އަދަދެއް ގުދަންކުރެވޭނެ."
އިމާދު ވިދާޅުވިއެވެ.
ފާމަސީތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިހާރު ވަނީ އަސާސީ ބޭހުގެ ލިސްޓު އަލުން މުރާޖައާކޮށް، ފާމަސީތައް ވަކި ގިންތިތަކަކަށް ބަހާލާފައެވެ. މި އާ އުސޫލު ހަމަޖެހިފައިވާ ގޮތުން، ކޮންމެ ފާމަސީއަކުން ވެސް އެތަނެއް ކަނޑައެޅިފައިވާ ގްރޭޑަކުން މަދުވެގެން 80 އިންސައްތަ ބޭސް އަބަދުވެސް ހުންނަން ލާޒިމުވާނެއެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ ފާމަސީތަކުން ވެސް މި މިންގަނޑަށް ފެތޭގޮތަށް ސްޓޮކް ފުރިހަމަކުރަން ޖެހޭއިރު، އަލަށް ހުޅުވާ ފާމަސީތަކަށް ހުއްދަ ދޫކުރުމުގައި ވެސް ބަލާނީ މި ޝަރުތު ހަމަވޭތޯ ކަމަށް އެ ކުންފުނިން ބުނެއެވެ.