ޚަބަރު
އޭއީއެޗަށް ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްސް ގަތް މައްސަލައިގައި 4 މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
އއްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: އެމްއެމްޓީވީ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބާޒާރުގެ އަގަށްވުރެ މާ ބޮޑު އަގުގައި ލެބޯޓަރީ ސާމާނު ހޯދި މައްސަލައެއްގައި، އެ ހޮސްޕިޓަލުގެ އިސް ހަތަރު މުވައްޒަފެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މި ގޮތަށް ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 10 ނޮވެމްބަރުގައެވެ. މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ވެރިޔާގެ އިތުރުން، އެ ތަކެތި ގަތުމަށް ނިންމި ބިޑު ކޮމިޓީގައި ހިމެނޭ ތިން މެންބަރެއްގެ މައްޗަށެވެ.
ދައުވާ ރައްދުވާ ހަތަރު މުވައްޒަފުންނަކީ:
- މުޙައްމަދު ޞާއިން އަޙްމަދު (ފިޔަނޫމާގެ، ސ. ހިތަދޫ) – ޕްރޮކިއުމަންޓް އޮފިސަރ / ބީލަން އިވެލުއޭޝަން އެޕްރޫވްކުރި ފަރާތް
- ޢަޡީމް ލަޠީފް (އެވެރެސްޓު، ސ. ހިތަދޫ) – ސީނިއަރ ހެލްތުކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ / ބިޑު ކޮމިޓީގެ ޗެއަރޕާސަން
- ޢަބްދުﷲ ވަޙީދު (ތައުރުއްގެ، ސ. ހިތަދޫ) – ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ / ބިޑު ކޮމިޓީގެ މެންބަރު
- ޑރ. ފާތިމަތު އަމާނީ ނަސީރު (ހަންހާރުގެ، ސ. ހިތަދޫ) – ޕީޑިއެޓްރީޝަން / ބިޑު ކޮމިޓީގެ މެންބަރު
މި މައްސަލައަކީ 2025 ވަނަ އަހަރު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހުގެ މުއްދަތަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް ކުރި އިއުލާނަކާ ގުޅިގެން ހިނގާފައިވާ ކަމެކެވެ. އެ އިއުލާނުގެ ދަށުން 40،000 (ސާޅީސް ހާސް) މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް ހުޅުވާލުމުން ކުރިމަތިލީ އެންމެ ފަރާތަކުންނެވެ. އަދި އެ ފަރާތުން ހުށަހެޅި އަގަކީ މާކެޓް އަގަށްވުރެ ބޮޑު އަގެއްކަމުގައި ވީނަމަވެސް، އެއީ އެކަށީގެންވާ އަގެއްތޯ އެއްވެސް ވަރަކަށް ބެލުމެއް ނެތި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް އެ ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައިވާކަން އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފައެވެ.
އެހެންކަމުން، މި ހަތަރު މުވައްޒަފުންގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި، އެ ޤާނޫނުގެ 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށް އޭސީސީން ވަނީ އެދިފައެވެ.
މީގެއިތުރުން، މި މުއާމަލާތުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ އަދަދު ހިސާބުކޮށް، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އިހުމާލުވި މުވައްޒަފުންގެ އިދާރީ މައްސަލަތައް ބެލުމަށްވެސް ވަނީ ނިންމާފައެވެ. އަދި އެ ފަރާތްތަކުގެ އަތުން ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ ގާނޫނީ ފިޔަވަޅުތައް އެޅުމަށް އަންގަންވެސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.