ދުނިޔެ
ރަޝިޔާއިން ޔުކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާ ދީފި
ރަޝިޔާއިން ޔޫކްރެއިންގެ ކަރަންޓު ވިއުގައސް ދިން ހަމަލާ ފޮޓޯ:އިންޓަނެޓް
ރަޝިޔާއިން ޔުކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާ ދިންކަމަށް ޔުކްރެއިންގެ އިސްވެރިން ހުކުރު ދުވަހު ބުނެފިއެވެ. މި ހަމަލާގެ ސަބަބުން ޔުކްރެއިންގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުނެވެ.
ޔުކްރެއިންގެ ހަކަތައިގެ ވަޒީރު ޖަރމަން ހަލުޝެންކޯ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ދުޝްމަނުން އަނެއްކާވެސް އަނިޔާވެރި ޢަމަލު ހިންގަމުންދާ ކަމާއި އަނެއްކާވެސް މުޅި ޔުކްރެއިންގެ ހަކަތައިގެ ވިއުގައަށް ބޮޑު ހަމަލާއެއް ދީފިކަމަށެވެ. މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރު އަދި ސާފުނުވާކަމަށާއި، ރައްޔިތުން ރައްކާތެރި ތަންތަނުގައި ތިބުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ހުކުރު ދުވަހުގެ ހެނދުނު ވެރިރަށް ކީވްގެ މަގުތައް އޮތީ ހުސްކޮށްށެެވެ. މިއީ ޔުކްރެއިންގެ ބައެއް ސަރަޙައްދުތަކަށް ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކުން ހަމަލާ ދިނުމުގެ ބިރު އޮތްކަމަށް ޔުކްރެއިންގެ އެއަރ ފޯސްއިން އިންޒާރު ދިނުމާ ގުޅިގެންނެވެ.
ޔުކްރެއިންގެ ހަކަތައިގެ ވިއުގަ ހިންގާ ކުންފުނި ޔުކްރެނަރގޯއިން ބުނީ ގިނަ ސަރަޙައްދުތަކެއްގެ ހަކަތައިގެ ވަސީލަތްތަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، މުޅި ޤައުމުގައި ކުއްލި ކަރަންޓު ކެނޑުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މިއަހަރު މިހާތަނަށް ރަޝިޔާއިން ޔުކްރެއިންގެ ހަކަތައިގެ ނިޒާމަށް 12 "ބޮޑު" ހަމަލާ ދީފައިވާ ކަމަށް ޔުކްރެނަރގޯއިން ބުންޏެވެ.
ފާއިތުވި މަހު، ރަޝިޔާގެ ރައީސް ވްލަދިމީރ ޕުޓިން ބުނީ ޔުކްރެއިންގެ މުހިންމު ހަކަތައިގެ ވަސީލަތްތަކަށް ދިން ހަމަލާއަކާ ގުޅިގެން އަނެއްކާވެސް ނިއުކްލިއަރ ޤާބިލުކަން ހުރި ބެލިސްޓިކް މިސައިލްތަކުން ޔުކްރެއިނަށް ހަމަލާ ދޭނެ ކަމަށެވެ. މި ހަމަލާގެ ސަބަބުން ޔުކްރެއިންގެ އެއް މިލިއަނަށްވުރެ ގިނަ ގޭބިސީތަކުގެ ކަރަންޓު ކެނޑުނެވެ.
ރަޝިޔާގެ މި އެންމެ ފަހުގެ ހަމަލާ އައިސްފައިވަނީ، ބުރާސްފަތި ދުވަހު ރަޝިޔާއިން ބުނި ގޮތުގައި ޔުކްރެއިނުން އެމެރިކާ ސަރުކާރުން ދިން 6 އޭޓީއޭސީއެމްއެސް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ރަޝިޔާގެ ދެކުނު-ހުޅަނގު ސަރަޙައްދުގެ ސިޓީއަކަށް ދިން ހަމަލާއަކަށް ޖަވާބުދާރީވާނެ ކަމަށް ބުނުމަށް ފަހުގައެވެ.