Ads by Ministry of Arts, Culture and Heritage

ޚަބަރު

އިއާދަކުރަނިވި ހަކަތައިގެ 33 އިންސައްތައިގެ އަމާޒަށް ވާސިލުވުމަށް މާލީ އެހީތެރިކަން ބޭނުންވޭ: ރައީސް

އިއާދަކުރަނިވި ހަކަތައިގެ 33 އިންސައްތައިގެ އަމާޒަށް ވާސިލުވުމަށް މާލީ އެހީތެރިކަން ބޭނުންވޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ކޮޕް ސަމިޓުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 ނޮވެމްބަރު 2026، 12:12

12 ނޮވެމްބަރު 2026، 12:12

ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި މާލީ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ބާއްވާ  ކޮޕް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާފު ހަކަތައަށް ބަދަލުވުމަކީ މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގެ އިތުރުން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަމާއި، އިޤްތިޞާދު ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ އެތެރެކުރާ ތެލަށް ބަރޯސާވާ ޤައުމަކަށް ވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ތެލަށް ބަރޯސާވުން ކުޑަކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދެވިފައިވާ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ ލަނޑުދަނޑި ކަނޑައަޅާފައިވަނީ 2023 ވަނަ އަހަރުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ލަނޑުދަނޑި ޙާޞިލުކުރުމަށް ޓަކައި ރަށްރަށުގައި އިއާދަކުރަނިވި ހަކަތަ ފުޅާ ދާއިރާއެއްގައި ބޭނުންކުރުމަށާއި، ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ޖިއޮގްރަފީގެ ގޮތުން ރާއްޖޭގެ ރަށްތައް އޮންނަގޮތުން، ބޮޑެތި ޤައުމުތަކާއި އަޅާބަލާއިރު ހަކަތައިގެ އުމްރާނީ ވަސީލަތްތައް ޤާއިމުކޮށް ބެލެހެއްޓުމުގެ ޚަރަދު ވަރަށް ބޮޑުތަނުން މަތިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި ދިވެހިރާއްޖެއިން 2024 އިން 2033 އަށް ހަކަތައިގެ ދާއިރާގެ ރޯޑްމެޕެއް އެކުލަވާލައި އިފްތިތާޙުކޮށްފައިވާކަން ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، މިއީ އަންދާ ތެލަށް ބަރޯސާވާ ނިޒާމުތަކުން ދެމެހެއްޓެނިވި، ޚަރަދު ކުޑަ އަދި ވިލުންވެރި ދާއިރާއަކަށް ބަދަލުވުމަށް އެކުލަވާލެވިފައިވާ އޮނިގަނޑެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ގޮވާލެއްވީ، އަތްފޯރާފަށުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓެކްނޮލޮޖީގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް އިންވެސްޓްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ދިނުމަށެވެ. އަދި ދުނިޔޭގެ ފެންވަރުގައި ހަކަތައަށް ގެންނަ ބަދަލުގެ ކާމިޔާބީ މިނެކިރޭނީ ހަމައެކަނި އިޢުލާންކުރާ އަމާޒުތަކަކުން ނޫން ކަމަށާއި، އެކަންކަން ހަޤީޤަތަކަށް ހެދުމަށް ހުރި ޤާބިލުކަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450