ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ފަލަސްތީނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ވަރުގަދަ މެސެޖެއް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ފަލަސްތީނުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް-31 ސަމިޓުގެ ހަވާސާގެ ތެރެއިން ފަލަސްޠީނުގެ ބޮޑުވަޒީރު ޑރ. މުޙައްމަދު މުޞްޠަފާއާ ބައްދަލުކުރައްވައި ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި، ސާބިތުކަމާއެކު ދެގޮތެއްނުވެ އޮތް އެއްބައިވަންތަކަން އެންމެ ހަރުދަނާ ޢިބާރާތުން ހާމަކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން މިނިވަންކަމާއި، ކަރާމާތާއި އަދި އިންސާފާއި ހޯދުމަށް ކުރަމުންދާ ޙައްޤު ޖިހާދަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ. މީގެއިތުރުން، މި އެއްބައިވަންތަކަމަކީ ދިވެހި ޤައުމުގެ އަޤީދާ އާއި އިންސާފާއި އިންސާނިއްޔަތުކަމަށްޓަކައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅޭ ހަރުދަނާ ޢަޒުމް ރަމްޒުކޮށްދޭ ކަމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
His Excellency President Dr @MMuizzu meets His Excellency Dr Mohammad Mustafa, Prime Minister of the State of Palestine, today in Antalya, Türkiye, on the sidelines of the 31st Conference of the Parties to the United Nations Framework Convention on Climate Change (COP31). The Maldives remains steadfast in its principled support for the inalienable rights of the Palestinian people, including their right to an independent and sovereign State of Palestine along the pre-1967 borders, with East Jerusalem as its capital. #MaldivesAtCOP31 #COP31
— The President's Office (@presidencymv) November 12, 2026
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ވަކާލާތުކުރާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅިގެން އުފެދޭ މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މީގެއިތުރުން، ފަލަސްޠީނުގެ އަޚުންނާއި އުޚުތުން ދުވަހަކުވެސް އެކަނިވެރި ނުވާނެކަމުގެ ޔަޤީންކަން ދެއްވަމުން، އެ ޤައުމަށް އިންސާފާއި، މިނިވަންކަމާއި އަދި ދެމެހެއްޓެނިވި ޞުލްޙަ މަސަލަސްކަން ލިބެންދެން ދިވެހިރާއްޖެ އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.