ޚަބަރު
ފާފު އަތޮޅު ވިއްކުމަށް ޤާނޫންއަސާސީ ބަދަލުކުރެއްވި ބޭފުޅާ ރަސްމާލެއާ ދެކޮޅު ހެއްދެވުމުން އަޒާންގެ ރައްދެއް
އެމްޕީ އަޒާން - ފޮޓޯ: އެމްއެމް ޕްލަސް
ރަސްމާލޭގެ ބިމުން 500 ހެކްޓަރު ކުއްޔަށް ދޫކޮށްގެން ހިންގަން އުޅޭ މަޝްރޫއާ ދެކޮޅަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާހަކަދެއްކެވުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު އެމަނިކުފާނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރަސްމާލޭގެ ބިމުން 500 ހެކްޓަރު ކުއްޔަށް ދޫކޮށްގެން އަބޫދާބީގެ އީގަލް ހިލްސްއިން ހިންގަން އުޅޭ ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއު ހުއްޓުވުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ވާހަކަދައްކަމުން ރައީސް ޔާމީން ވަނީ، އެ ބިން ދީފައި އޮތަސް އަނބުރާ ގެންނާނެ ކަމަށާއި އެއްވެސް ބަދަލެއް ވެސް ނުދެއްވާނެ ކަމަށް ބުނެފައެވެ.
ޔާމީންގެ މި ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ފާފު އަތޮޅު ވިއްކާލަން ބޭނުންވުމުން ޤާނޫނުއަސާސީ ވެސް ބަދަލުކުރެއްވި ކަމަށެވެ. އަދި ވަކި މިންވަރަކަށް އިންވެސްޓްކޮށް، 70 އިންސައްތަ ބިން ހިއްކުމުން އެ ބިމުގެ ފުރިހަމަ މިލްކުވެރިކަން (ފްރީހޯލްޑް) ލިބޭ ގޮތަށް ހެދި ކަމަށާއި، އޭގެ ފަހުން ބޭނުން ކޮންމެ މީހަކަށް، ނަތަންޔާހޫއަށް ވެސް، އެ ބިން ވިއްކާލެވޭ ގޮތް އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭރު އެއީ ބޮޑު "މެގަ އިންވެސްޓްމަންޓް" އެއް ކަމަށް ބެލެވުނު ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.
When @prz_ymn wanted to sell Faafu Atoll, even the constitution could be changed. Invest a certain amount, reclaim 70% of the land and get outright ownership. Sell it to whoever afterwards. Even @netanyahu All perfectly fine. A “mega investment”, apparently. Now he opposes Rasmalé, which doesn’t even involve freehold ownership. The proposed immigration and real estate bills would also impose strict safeguards. So giving investors outright ownership was visionary when he was in office. Now an investment without it is a problem. Very convenient principles.
— Ahmed Azaan (@axanner) November 13, 2026
އަޒާން އިތުރަށް ވިދާޅުވީ، މިހާރު ޔާމީން އެ ދެކޮޅުހައްދަވަނީ ބިމުގެ ފުރިހަމަ މިލްކުވެރިކަން ދިނުން ވެސް ނުހިމެނޭ ރަސްމާލެ މަޝްރޫއަށް ކަމަށެވެ. އަދި ހުށަހަޅާފައިވާ އިމިގްރޭޝަނާއި ރިއަލް އެސްޓޭޓް ބިލްތަކުން ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވެސް އެޅޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އަޒާން ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި އިންވެސްޓަރުންނަށް ފުރިހަމަ މިލްކުވެރިކަން ދިނުން ވީ ދުރުވިސްނޭ މޮޅު ކަމަކަށް ކަމަށާއި، ނަމަވެސް މިހާރު އެފަދަ މިލްކުވެރިކަމެއް ނުދީ ކުރާ އިންވެސްޓްމަންޓް މައްސަލައަކަށް ވެފައިވާ ކަމަށެވެ.