ޚަބަރު
އިޙްތިރާމުކުރުމުގެ މައުޟޫޢަކީ އަޅުގަނޑުމެންގެ މުޅި ޙަޔާތާ ގުޅިފައިވާ މައުޟޫޢެއް: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އިޙްތިރާމުކުރުމުގެ މައުޟޫޢަކީ އަޅުގަނޑުމެންގެ މުޅި ޙަޔާތާ ގުޅިފައިވާ މުހިންމު މައުޟޫޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙު ކުރުމަށްޓަކައި މާފަންނު ސްޓޭޑިއަމްގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ދަޢުލަތުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަޅުގަނޑުމެންގެ މަގުތަކަށާއި، ރަށުތެރޭގެ ދިރިއުޅުމުގެ އެންމެހާ ކަންކަމުގައި އިޙްތިރާމްކުރުމުގެ ސިފަ އަށަގަންނަން ޖެހޭ ކަމަށެވެ. އަދި ހަމައެހެންމެ އަޅުގަނޑުމެން ދިރިއުޅޭ ވެށްޓަށާއި، ގަސްގަހާގެއްސާއި ޤުދުރަތީ އެންމެހާ ދިރުންތަކަށް ވެސް ފުރިހަމައަށް އިޙްތިރާމުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާތްالله އިންސާނާ ލެއްވީ އެންމެ މާތްކުރެއްވި މަޚްލޫޤެއްގެ ގޮތުގައި. އެކަން އޭނާގެ ކިބައިން ފާޅުވާންޖެހޭ. އެކަން އޭނާގެ ޢަމަލުތަކުން ހާމަވާންޖެހޭ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިޙްތިރާމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިޙްތިރާމު ކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައްކުރުމެއް ކަމަށެވެ. އެހެން ނަމަވެސް އެ މުޑުވަކުން ފަޅާ ގަސްތަކުގެ ހިޔާވަހިކަމަކީ މުޖުތަމަޢަށް އިންތިހާޔަށް ބޭނުންތެރި އެއްޗެއް ކަމަށާއި، އޭގެ ގޮފިތައް އެތައް ކަންކޮޅުތަކަކަށް ފެތުރިގެންދާ ކަމަށެވެ. އަދި އޭގެ މޭވާއަކީ ހިތްތަކަށް ދޭ ފުން ތަސައްލީއެއް ކަމަށާއި، ރޫޙަށް ލިބޭ ފޮނި ޣިޒާއެއް ކަމުގައިވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެއިތުރުން ޒަމާނީ ނަފުސާނީ ޢިލްމުގެ ހޯދުންތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޖުތަމަޢެއްގައި އެކެއް އަނެކެއްގެ ހައިސިއްޔަތަށް އިޙްތިރާމު ކުރުމަކީ މީސްތަކުންގެ މެދުގައި ކުލުނާއި ގާތްކަން އިތުރުވާ ކަމެއް ކަމަށެވެ. އަދި އެއީ މުޅި މުޖުތަމަޢަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދީ، އަމާންކަމާއި ރައްކާތެރިކަން އިޙްސާސްކުރުވާ ކަމެއް ކަމަށާއި، ސަބަބަކީ އެއީ އިޖުތިމާޢީ ތަރުބިއްޔަތާއި އިންސާނީ ތަހުޒީބީ އަޚުލާޤު ކަމުގައި ވާތީ ކަމަށް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ފުރިހަމައަށް އިޙްތިރާމްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އޮފީސްތަކާއި، މަދަރުސާތަކާއި މިފަދަ އެންމެހާ ތަންތާނގެ އުފަލަކީ އަދި ހިތްތަކަށް ލިބޭ ތަސައްލީއަކީ އެކަކު އަނެކަކަށް އިޙްތިރާމުކުރުން ކަމުގައި ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، އަޅުގަނޑުމެންގެ ގެދޮރުގައްޔާއި ޢާއިލާތަކުގެ ތެރޭގައްޔާއި، އެއްބަނޑުތިމާގެކަމާއި ރައްޓެހި ރަޙުމަތްތެރިކަމުގެ ގުޅުންތަކުގައި އިޙްތިރާމު ދަމަހައްޓަން ޖެހޭ ކަމަށާއި، ޤައުމުގެ ޞުލްޙަ މަސަލަސްކަމަށާއި، ދިވެހި ޤައުމަށް ލިބިފައިވާ ރީތި ނަމާއި ޤަދަރަށް ވެސް އެންމެން އިޙްތިރާމްކުރަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޫސާރަޝީދު
15/11/2026 00:08
މަސްރޫއެއްތޯ ނުވަތަ ހަރަކާތެއްތޯ ؟؟؟؟؟ !!!!!!؟