ޚަބަރު
އެމްއައިބީ އިން ކްރެޑިޓް ކާޑު ތައާރަފްކޮށްފި
އެމްއައިބީ އިން ތައާރަފް ކުރި ކްރެޑިޓް ކާޑުތައް/ ފޮޓޯ: އެމްއައިބީ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިސްލާމީ ޝަރީއަތަށް ފެތޭ ކްރެޑިޓް ކާޑުތަކެއް ތައާރަފްކޮށްފިއެވެ.
އެ ބޭންކުން މައުލޫމާތު ދިން ގޮތުގައި އެ ބޭންކުން މި ތައާރަފްކުރި ކްރެޑިޓް ކާޑުތަކަކީ ރާއްޖޭގައި އިސްލާމިކް ބޭންކިން އާއި ފައިސާ ދެއްކުމުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނެރެފައިވާ ކާޑުތަކެކެވެ. މި ކާޑުތަކަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ މާލީ ބޭނުންތަކަށް ހާއްސަ ކާޑުތަކެއް ކަމަށާއި މި ކާޑުތަކަށް ކްރެޑިޓް ލިމިޓް ކަނޑައަޅާފައިވަނީ ފޯރުކޮށްދޭ ކާޑުތަކެކެވެ. މިއިން ކޮންމެ ކާޑަކަށްވެސް ކްރެޑިޓް ލިމިޓް ކަނޑައެޅިފައިވަނީ 12,000 ދިވެހި ރުފިޔާއިން ފެށިގެން 300,000 ދިވެހި ރުފިޔާއާ ހަމައަށް ކަމަށް ވެސް އެމްއައިބީއިން ބުނެފައިވެއެވެ.
އެމްއައިބީއިން ތައާރަފްކޮށްފައިވާ ކާޑުތައް ހަތަރު ގިންތިއަށް ބަހާލާފައިވާއިރު އެއީ ގޯލްޑް، ޕްލެޓިނަމް، ސިގްނަޗަރ އަދި ބިޒްނަސް ކާޑެވެ. މި ކާޑުތަކުގެ ލިމިޓްތަކަކީ:
- ގޯލްޑް ކާޑު – 12،000 އާއި 50،000 ދިވެހި ރުފިޔާއާ ދެމެދު
- ޕްލެޓިނަމް ކާޑު - 50,000 އާއި 100,000 ދިވެހި ރުފިޔާއާ ދެމެދު
- ސިގްނޭޗާ ކާޑު – 100،000 އާއި 300،000 ދިވެހި ރުފިޔާއާ ދެމެދު
- ބިޒްނަޒް ކާޑު - 100,000 އާއި 300,000 ދިވެހި ރުފިޔާއާ ދެމެދު
އެމްއައިބީއިން ބުނި ގޮތުގައި އަމިއްލަ ފަރުދުންގެ ކާޑުތަކަށް މަހުން މަހަށް ބޭނުންކުރެވޭނެ އެމެރިކާ ޑޮލަރުގެ ވަކި ލިމިޓްތަކެއް ވެސް ކަނޑައަޅާފައިވެއެވެ. އެ ލިމިޓްތަކަކީ އެގޮތުން ގޯލްޑް ކާޑަށް 300 އެމެރިކާ ޑޮލަރު، ޕްލެޓިނަމް ކާޑަށް 400 އެމެރިކާ ޑޮލަރު އަދި ސިގްނަޗަރ ކާޑަށް 500 އެމެރިކާ ޑޮލަރު ކަނޑައެޅިފައިވެއެވެ. ނަމަވެސް ބިޒްނަސް ކާޑަށް ވަކި ޑޮލަރު ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ.
Did you know? https://t.co/BKs3NI4QBa
— MaldivesIslamicBank (@mibmv) November 16, 2026
މީގެ އިތުރުން އެމްއައިބީ އިން ބުނީ މި ކާޑުތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދުގެ މަދުވެގެން 5 އިންސައްތަ ނުވަތަ މުޅި އަދަދު އެއްކޮށް ދެއްކުމުގެ އިހުތިޔާރު ލިބޭއިރު ކޮންމެ މަހެއްގެ ކާޑުގެ ސްޓޭޓްމަންޓް ކޮންމެ މަހެއްގެ 10 ވަނަ ދުވަހު ދޫކުރާނެ ކަމަށެވެ. އަދި މި ކާޑުތަކަށް ފައިސާ ދެއްކުމުގެ ސުންގަޑި އަކީ އެ މަހެއްގެ 30 ވަނަ ދުވަސް ކަމަށާއި ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް ފައިސާނެޓް، ފައިސާ މޮބައިލް، އެމްއައިބީ އޭޓީއެމް ނުވަތަ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް ވެސް އެމްއައިބީ އިން ބުނެފައިވެއެވެ.