Ads by Farudhun

ޚަބަރު

ރާއްޖޭގެ އިޤްތިޞާދަށް ސެޕްޓެމްބަރު މަހު 4 އިންސައްތައިގެ ކުރިއެރުމެއް

ރާއްޖޭގެ އިޤްތިޞާދަށް ސެޕްޓެމްބަރު މަހު 4 އިންސައްތައިގެ ކުރިއެރުމެއް

މަޖީދީ މަގު. ފޮޓޯ: ފަރުދުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ނޮވެމްބަރު 2026، 09:57

16 ނޮވެމްބަރު 2026، 09:57

މިދިޔަ އަހަރުގެ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު، މިއަހަރުގެ ސެޕްޓްމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް 4 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމް.ބީ.އެސްއިން ކޮންމެ މަހަކު ނެރޭ މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް ރިޕޯޓުން ދައްކާ ގޮތުގައި، މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރިއަލް އެސްޓޭޓް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، އަދި އިމާރާތްކުރުމުގެ ދާއިރާގެ ހަރަކާތްތައް އިތުރުވެގެން ދިއުމެވެ.

އެމް.ބީ.އެސްއިން އަންދާޒާކުރާ ގޮތުގައި، 2019 ވަނަ އަހަރުގެ އަސާސީ އަގުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ އިޤްތިޞާދީ މިންވަރު ހުރީ 8.51 ބިލިއަން ރުފިޔާގައެވެ. މިއީ ކުރީ އަހަރާއި އަޅާބަލާއިރު 330 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަހަރީ ކުރިއެރުން އޮގަސްޓު މަހު ހުރި 2.4 އިންސައްތައާ އަޅާބަލާއިރު މަތިވެފައިވާއިރު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.

ރިއަލް އެސްޓޭޓް، ވިޔަފާރި އަދި އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުން

މި މުއްދަތުގައި އިޤްތިޞާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ ރިއަލް އެސްޓޭޓް ދާއިރާއިންނެވެ. އެއީ 0.9 ޕަސެންޓޭޖް ޕޮއިންޓެވެ. 

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި އިމާރާތްކުރުމުގެ ދާއިރާގެ ކޮންމެ ދާއިރާއަކުން 0.8 ޕަސެންޓޭޖް ޕޮއިންޓް ހިއްސާކޮށްފައިވާއިރު، ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތަކުގެ ދާއިރާއިން ވަނީ 0.6 ޕަސެންޓޭޖް ޕޮއިންޓް އިތުރުވެފައެވެ.

އަހަރުން އަހަރަށް ބަލާއިރު އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތައް 16.6 އިންސައްތަ ކުރިއަރައި 457 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. 

އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.8 އިންސައްތަ ކުރިއަރައި 815 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އެތެރެކުރެވުނު (އިމްޕޯޓް) މުދަލުގެ މިންވަރު އިތުރުވުން ކަމަށް އެމް.ބީ.އެސް އިން ފާހަގަކުރެއެވެ. މީގެ އިތުރުން ދަތުރުފަތުރާއި މުވާޞަލާތީ ދާއިރާއަށް ވެސް ވަނީ 0.6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.

ފުރަތަމަ ނުވަ މަސްދުވަހުގެ އިޤްތިޞާދީ ކުރިއެރުން މަތިވުން

2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރެއިން، އޭޕްރީލް މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައި ވެސް ކުރީ އަހަރަށްވުރެ އިޤްތިޞާދީ ކުރިއެރުން ވަނީ މަތިވެފައެވެ. އެމް.ބީ.އެސްގެ ހިސާބުތަކަށް ބަލާއިރު، ޖެނުއަރީން ސެޕްޓެމްބަރަށް ޖުމްލަ ޢަދަދު ހުރީ 81.1 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.5 އިންސައްތައިގެ ކުރިއެރުމެކެވެ.

އޮގަސްޓު މަހާ އަޅާބަލާއިރު ހަރަކާތްތެރިކަން މަޑުޖެހުން

އޮގަސްޓު މަހާ އަޅާބަލާއިރު، ސެޕްޓެމްބަރު މަހުގެ އިޤްތިޞާދީ ދުވެލި ވަނީ 11.6 އިންސައްތަ ނުވަތަ 1.12 ބިލިއަން ރުފިޔާ ދަށްވެފައެވެ. ސެޕްޓެމްބަރު މަހުގެ އިޤްތިޞާދީ ހަރަކާތްތަކުގެ އެންމެ ބޮޑު ހިއްސާއެއް (18.5 އިންސައްތަ) ފޯރުކޮށްދިން ފަތުރުވެރިކަމުގެ ދާއިރާ ވަނީ މަހުން މަހަށް ބަލާއިރު 29.5 އިންސައްތަ ދަށްވެފައެވެ. 

މިކަމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހިނގަމުންދާ ހަނގުރާމައެވެ. މި ހަމަނުޖެހުން ނިމުމުން ފަތުރުވެރިކަން ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ދަށްވުމަކީ 2024 އަދި 2025 ވަނަ އަހަރު ވެސް އޮގަސްޓު މަހުން ސެޕްޓެމްބަރު މަހަށް އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހޭ އާންމު އުސޫލުން އައިސްފައިވާ ބަދަލެކެވެ. އެހެންނަމަވެސް، ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހަކީ އެންމެ ބޮޑު އިޤްތިޞާދީ ކުރިއެރުމެއް ރެކޯޑުކުރެވުނު މަހެކެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450