ޚަބަރު
އެމްއެމްއޭގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ މަހު
އެމްއެމްއޭ ރިސާޗް ކޮންފަރެންސް.
ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށް ހާއްސަކޮށްގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ ޑިސެންބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ. ވިދިވިދިގެން ތިންވަނަ އަހަރަށް ބާއްވާ މި ކޮންފަރެންސް ކުރިއަށްދާނީ އަންނަ ޑިސެންބަރު މަހުގެ 5 އިން 7 ގެ ނިޔަލަށެވެ.
މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ "ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއަށް އިގްތިސާދީ އަދި މާލީ ހަމަޖެހުން ގެނައުން" މިއެވެ. މި ބައްދަލުވުމަކީ ދިރާސާކުރާ ފަރާތްތަކާއި، އިލްމީ މާހިރުންގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުދި ގައުމުތަކަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާކުރުމަށް ފަހިކޮށްދޭ މުހިންމު ފުރުސަތެކެވެ.
މި ކޮންފަރެންސްގެ ފުރަތަމަ ދުވަހު ދިރާސާ ކަރުދާސްތައް ހުށަހެޅުން އެމްއެމްއޭގައި އޮންނާނެއެވެ. އަދި ކޮންފަރެންސްގެ އެޖެންޑާގައި ހިމެނޭ މައިގަނޑު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ.
މި އަހަރުގެ ކޮންފަރެންސްގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ މަނިޓަރީ ސިޔާސަތުތަކާއި، ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާއި، މާލީ ހަމަޖެހުން ގާއިމުކުރުމުގެ މައްޗަށެވެ. މީގެ އިތުރުން އިސްލާމީ މާލީ ނިޒާމާއި، ޑިޖިޓަލް ފައިނޭންސް، އިގްތިސާދު ސިންދަފާތުކުރުން އަދި މޫސުމީ ރިސްކުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދާރިސުންނާއި ފަންނީ މާހިރުން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމާއި، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރުމަށް ހިތްވަރުދިނުމެވެ.