Ads by Farudhun

ޚަބަރު

"ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމުގައި ބައިވެރިވުމަށް އިތުރު ފުރުޞަތެއް ހުޅުވާލައިފި

"ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމުގައި ބައިވެރިވުމަށް އިތުރު ފުރުޞަތެއް ހުޅުވާލައިފި

ހުޅުމާލޭގައި އިސްރަށްވެހިންނަށް ބެއްވުނު ހަރަކާތެއް. ފޮޓޯ: އެޗްޑީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ނޮވެމްބަރު 2026، 09:22

16 ނޮވެމްބަރު 2026، 09:22

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ޓަކައި، "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފެށުމަށް ނިންމާފައިވާ ޕްރޮގްރާމްގައި ބައިވެރިވާން އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.

މިއީ، އިސްރަށްވެހިން އަބަދު ގޭގައި ތިބެންޖެހޭ ޖެހުމާއި، އިޖުތިމާއީ ހަރަކާތްތަކުން އެކަހެރިވުން ނައްތާލައި، އެ ފަރާތްތަކަށް އުފާވެރި އަދި ހަރަކާތްތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ރާވާފައިވާ ހަރަކާތެއް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. 

މި ޕްރޮގްރާމުގައި ހިލޭ ބައިވެރިވެވޭނެ ކަމަށާއި، ބައިވެރިވާން ބޭނުންފުޅުވާ ނަމަ ގޫގްލް ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެޗްޑީސީން ވިދާޅުވި ގޮތުގައި، ޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރު ފުރުސަތަކަށް ހުޅުވާލީ، މި ޕްރޮގްރާމަށް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން ވީހާ ވެސް ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި އެ ކުންފުނިން ވަނީ، މި މަހު ފަސްވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯގެ ތެރެއިން ވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން ޕްރޮގްރާމުގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާކަން ފާހަގަކުރައްވާފައެވެ.

މި ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ނޮވެންބަރު 19 ގައި ކަމަށާއި، އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި  ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން ކަމަށާއި، ކޮންމެ  ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މި ހަރަކާތާއިއެކު ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެއެވެ. އިސްރަށްވެހިންނާ ގުޅޭ މި ނޫން ވެސް ގިނަ ހަރަކާތްތަކެއް އެޗްޑީސީން ވަނީ ރާވާފައެވެ.

ޕްރޮގްރާމްގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ބައިވެރިންގެ ރައްކާތެރިކަމާއި ސިއްހީ ހާލަތަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ބައިވެރިންނަށް ބޭނުންވާ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ އިތުރުން، ސެޝަންތައް ކުރިއަށްދާ ވަގުތު ފަސްޓްއެއިޑްގެ ޚިދުމަތާއި، ބޯފެނާއި އަރާމުކުރާނެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މި ޕްރޮގްރާމަކީ އެޗްޑީސީއިން މިނިސްޓްރީ އޮފް ހެލްތު އަދި، ހުޅުމާލެ ހޮސްޕިޓަލާއި، ފުލުހުންނާއި، ފިޒިއޯ ސޮލިއުޝަންސްގެ އިތުރުން ޕެންޝަން އޮފީހާއި، އެމްޓީސީސީއާއި، އުރީދޫ އަދި އެކިއެކި އެންޖީއޯތަކުގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ ޕްރޮގުރާމެއްކަން އެ ކުންފުނިން ފާހަގަކުރެއްވިއެވެ. 

އެޗްޑީސީގެ އަމާޒަކީ، މި ޕްރޮގްރާމްގެ ސަބަބުން އިސްރަށްވެހިންގެ ސިއްހީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުވެ، މުޅި ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުމެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450