ޚަބަރު
މީގެ ކުރިން މަރުގެ އަދަބު ތަންފީޒު ނުކުރެވުނީ އެކަމަށް ކެރިވަޑައިނުގަތުމުން: މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު/ ފޮޓޯ: މަޖިލިސް
މީގެ ކުރިން މަރުގެ އަދަބު ތަންފީޒު ނުކުރެވުނީ އެކަމަށް ގައުމުގެ ވެރިކަމުގައި އިސްކޮށް ތިއްބަވާ ބޭފުޅުންނަށް ކެރިވަޑައިނުގަތުމުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފް މިފަދައިން ވިދާޅުވީ މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމާބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މި ބަހުސްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ވެރިކަމެއް ހިނގާ ދައުލަތެއްގައި އެއްވެސް ޝައްކެއްނެތި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަންކަން ކުރުމާމެދު އަދި ހާއްސަކޮށް ގިސޯސް ހިފުމާމެދު ކުރާނެ ބަހުސް އެއް އޮވެގެން ވާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
މުސްލިމުންގެ މައްޗަށް އޮތް ދީނީ ޒިންމާ އަކީ އެ މަގާމު އެ ހައިސިއްޔަތު ނުވަތަ އެ ބާރު އެ މީހެއްގެ މައްޗަށް ލިބޭ ހިސާބުން ފެށިގެން ކީރިތު ގުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަން ކުރުން ކަމަށް ވިދާޅުވިއެވެ.ރާއްޖޭގައި އެންމެ ފަހުން 1954 ވަނަ އަހަރުން ފެށިގެން މަރުގެ އަދަބު ތަންފީޒު ކުރެވިފައި ނުވާކަން ވެސް މައުރޫފް ފާހަގަކުރެއްވިއެވެ.
"މީގެ ކުރީގައި ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރު ފާހަގަކުރެއްވި ފަދައިން އެކަން ކުރަން ކެރިވަޑައިނުގަންނަވަނީ. އެކަން ކުރަން ކެރިވަޑައި ނުގަންނަވަނީ"
މައުރުފް ވިދާޅުވިއެވެ.
ކޮންމެ ސަރުކާރަކުންވެސް ދައުރުގެ ފަހުކޮޅަށް އައުމުން މަރަށް މަރު ހިފުމުގެ ވާހަކަ ދައްކާ ކަމަށާއި އެވާހަކަ އާންމުކޮށް ދައްކަނީ ގައުމުގައި ތިއްބަވާ ދީނީ އިލްމުވެރިންގެ ރުހުން ކަންކަމުގައި ހޯދައި އެ ބޭފުޅުންގެ ލޯބި އެ ސަރުކާރަކަށް ހޯދުމަށްޓަކައި ދައްކާ ވާހަކަތަކެއްގެ ގޮތުގައި ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލަކީ ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގެ މަގްސަދަކީ ގާނޫނުއަސާސީއާއި ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތްކޮށް، މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ގުޅޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.