ޚަބަރު
އެކުގައި މަސައްކަތް ކުރުމަށް ޕީއެންސީ އާއި އަދާލަތު ޕާޓީން ރަސްމީކޮށް އެއްބަސްވެއްޖެ
ޕީއެންސީ އާއި އަދާލަތު ޕާޓީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ޕީއެންސީ
ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރުމަށް، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އަދާލަތު ޕާޓީން މިއަދު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި މިއަދު ހަވީރު ބާރސެލޯ ނަސަންދުރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދެ ޕާޓީގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާނެވެ.
މި އެއްބަސްވުމުގެ ދަށުން، މި ހިނގާ ރިޔާސީ ދައުރުގައި ސަރުކާރުން ބާކީ އޮތް ދެ އަހަރު އެކީގައި މަސައްކަތްކުރުމަށާއި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން މި ވަނީ އެއްބަސްވެފައެވެ.
ސަރުކާރުން ބާކީ އޮތް ދެ އަހަރު އެކީގައި މަސައްކަތްކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް 2028 ގައި ތާއީދުކުރުމަށް، ރަސްމީކޮށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއި ޢަދާލަތު ޕާޓީގެ މެދުގައި އެއްބަސްވުމެއް ގާއިމުކޮށްފި An official agreement has been established between the People’s National Congress (PNC) and the Adhaalath Party to collaborate throughout the remaining two years of the administration’s term and to endorse President Dr. Mohamed Muizzu in 2028. #DhiveheengeRaajje #CongressPartyMV #Muizzu2028
— PNC Secretariat (@pnc_secretariat) November 16, 2026
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުޢިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޤަރާރަކުން ވެސް ވަނީ ކަނޑައަޅާފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަދާލަތު ޕާޓީން ފާސްކުރި މި ޤަރާރުގައި ބަޔާންކޮށްފައިވަނީ، އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުވައި ތަރައްޤީކުރުމަކީ އެ ޕާޓީ އުފެދިފައިވާ މައިގަނޑު މަޤްޞަދު ކަމަށެވެ. އެހެންކަމުން، ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށާއި، ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަކީ މިވަގުތު ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް އެ ޕާޓީން ދެކޭ ކަމަށް ވެސް އެ ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.