Ads by Farudhun

ޚަބަރު

ބިން ހިއްކުމުގައި ހަމައެކަނި މާލޭ ސަރަހައްދަށް އިސްކަންދޭ އުސޫލު ބަދަލު ކުރަން ޖެހޭ: މެންބަރު އިބްރާހިމް

ބިން ހިއްކުމުގައި ހަމައެކަނި މާލޭ ސަރަހައްދަށް އިސްކަންދޭ އުސޫލު ބަދަލު ކުރަން ޖެހޭ: މެންބަރު އިބްރާހިމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

farudhun logo

ފަރުދުން

16 ނޮވެމްބަރު 2026، 02:36

16 ނޮވެމްބަރު 2026، 02:36

ބިން ހިއްކުމުގައި ހަމައެކަނި މާލޭ ސަރަހައްދަށް އިސްކަންދޭ އުސޫލު ބަދަލު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.
މެންބަރު އިބްރާހިމް ހުސައިން މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓް ބަހުސްގައެވެ. މި ބަހުސްގައި އިބްރާހިމް ވިދާޅުވީ ބަޖެޓުގައި ބިންހިއްކުމަށް ހޭދަކުރާއިރު ހަމައެކަނި މާލޭ ސަރަހައްދަށް އިސްކަންދީ މާލޭ ރައްޔިތުންނަށް އެކަނި ގޯތި ލިބޭ ގޮތަށް އޮތް އުސޫލު ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން އަދި ޓެކްސް ފައިސާއިން ބިން ހިއްކާއިރު، ހަމައެކަނި މާލޭ ސަރަހައްދަށް އިސްކަންދީ މާލޭ ރައްޔިތުންނަށް އެކަނި ގޯތި ލިބޭ އުސޫލު ބަދަލުވާންޖެހޭ. ބަޖެޓުން ބިން ހިއްކުމަށް ހޭދަކުރާއިރު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފުރުސަތު އޮންނަންޖެހޭނެ." 

އިބްރާހިމް ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި ބިން ހިއްކުމުގެ ބޮޑެތި މަސައްކަތްތަކެއްކޮށް ރައްޔިތުންގެ ގެދޮރުވެރިކަމަށް މަގުފަހިކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ އިތުރުން މެންބަރު އިބްރާހިމް ވަނީ މާލީ ދަތިތަކަށް އަލި އަޅުއްވާލައްވާފައެވެ. މެންބަރު ވިދާޅުވީ  ރާއްޖެއަށް ޑޮލަރުން ލިބޭ އާމްދަނީއަކީ 2.1 ބިލިއަން ޑޮލަރު ކަމަށާއި އޭގެތެރެއިން 1.35 ބިލިއަން ޑޮލަރު، ދައްކަންޖެހޭ ލޯނުތަކަށް ހޭދަވާ ކަމަށެވެ. އަދި އޭގެއިތުރުން ތެލަށް ކުރާ ހަރަދަށް އަލިއަޅުއްވާލައްވައި ވިދާޅުވީ ތެލަށް އެކަނިވެސް 700 މިލިއަން ޑޮލަރު ހޭދަވާކަމަށާއި ކަރަންޓު އަގުބޮޑުނުވާނެހެން ސަބްސިޑީ ދެމުން އަންނަ ކަމަށެވެ. އެ ގޮތުން ސަބްސިޑީއަށް ބަޖެޓުކުރި 1 ބިލިއަން ރުފިޔާގެ ބަދަލުގައި މިހާރުވެސް ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ ސަބްސިޑީއަށް ހަރަދުކުރެވިފައިވާ ކަމަށް ވެސް އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު އިބްރާހިމް ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއެކު ކުރިއަށް އޮތް އަހަރުތަކުގައި އެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

2027 ވަނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި 3 ބިލިއަން ރުފިޔާ ބޯހިޔާވަހިކަމަށް ހާއްސަކޮށްފައިވާއިރު މި މަޝްރޫތަކުން މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ވަށާޖެހޭ ހައްލެއް ގެނެސްދޭނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެފައިވެއެވެ. އަދި އެ ބަޖެޓުގައި އަލަށް ގެދޮރު ގަތުމަށާއި ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ  ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީ ފައިސާގެ ގޮތުގައި ދޫކުރުމަށް 750 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވެސް ވަޒީރު ޒަރީރު ވިދާޅުވެފައިވެއެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450