ޚަބަރު
ދީނީ ދާއިރާއިން ކުރެވުނު އެންމެ ތަފާތު މަސައްކަތަކީ އައުގާފުގެ ނިޒާމު ތަރައްގީކުރުން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ހިދުމަތްތައް ފުޅާކުރުމަށް މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި ތަފާތު މަސައްކަތަކީ ވަގުފް ނުވަތަ އައުގާފުގެ ނިޒާމު ތަރައްގީކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެހައި ސިޔާސަތުތައް ބައްޓަންކުރެވިފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ ވަރުގަދަ އަސާސްތަކުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު، އިސްލާމްދީން ހިމާޔަތްކޮށް ދިފާއުކުރުމަކީ ސަރުކާރުން ނުހަނު ފަހުރުވެރިކަމާއެކު އަދާކުރަމުންދާ ގައުމީ އަދި ދީނީ ވާޖިބެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި އައުގާފު ނިޒާމު ހަރުދަނާކުރުމަށް އެޅުނު ފިޔަވަޅުތަކަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އިސްލާމީ ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ހަރަދުކުރެވޭނެ މާލީ ގާބިލުކަން ހޯދުމަށް ފެށުނު މުހިންމު މަސައްކަތެއްކަން ބަޔާންކުރެއްވިއެވެ. މި މަސައްކަތްތައް ހިންގުމަށް ހާއްސަ ކުންފުންޏެއް އުފައްދަވާފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އައުގާފުގެ ގިނަ އިމާރާތްތަކެއް އެޅުމުގެ މަސައްކަތް މިހާރުވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެ އިންވެސްޓްމަންޓްތަކުން ލިބޭ ނަފާއިން ދީނީ ކަންކަމަށް މުއްސަނދި ފަންޑެއް އަބަދުވެސް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރު ގޮތަކަށް ދަންނަވަންޏާ މި އިންވެސްޓުމެންޓުތަކުން ނަފާ ލިބެން ފެށީމާ، ދީނީ ކަންކަމަށް ހަރަދުކުރަން އަބަދުވެސް ހުންނާނީ ފައިސާ ހަަމަޖެހިފައި. އެ ފަންޑުން އެ ލިބޭ ފައިސާއިން އިސްލާމްދީން ކުރިއެރުވުމަށް ރާއްޖޭގައި ކުރަންޖެހޭ ކަންކަމަށް ވަރަށް މުއްސަނދި ފަންޑެއް ވަރަށް މުއްސަނދި ރިސޯސެއް ފައިސާގެ ގޮތުން ލިބިގެންދަނީ،"
ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ދީނީ އިލްމު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުތައް އެޅުމާއި، އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. ހަމައެއާއެކު، ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ކަމަށްވާ "މަސްޖިދު މުހައްމަދު ބިން އަބްދުﷲ" އެޅުމުގެ މަސައްކަތްވެސް މިހާރު ފެށިގެން ކުރިއަށްދާކަން އެމަނިކުފާނު އިއުލާނުކުރެއްވިއެވެ.
އިސްލާމީ މާލީ ނިޒާމު ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޒަކާތާ ބެހޭ ހާއްސަ ގާނޫނެއް ތައާރަފުކޮށް، "ޒަކާތު ހައުސް" ގާއިމުކުރުމާއެކު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ފާއިތުވި ތިން އަހަރުގެ ތެރޭގައި ރެކޯޑު އަދަދަކަށް އިތުރުވެފައިވާ ކަމަށެވެ. އަދި ސަރުކާރުން އަލަށް ތައާރަފުކުރި ހުރިހާ ލޯނުތަކެއް އިސްލާމީ ޝަރީއަތާ އެއްގޮތަށް ބަދަލުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ދިވެހި ހައްޖުވެރިންނަށް ލިބޭ ހިދުމަތްތައް ވަނީ އެތައް ގުނައަކަށް ފަސޭހަވެ ފުޅާވެފައެވެ. އަދި އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގެ ގާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ބިލެއް މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވިއެވެ.