Ads by Ministry of Arts, Culture and Heritage

ޚަބަރު

ފާއިތުވި 3 އަހަރުގެ ތެރޭގައި 13،000 މީހުން ޑީޕޯޓުކޮށްފި

ފާއިތުވި 3 އަހަރުގެ ތެރޭގައި 13،000 މީހުން ޑީޕޯޓުކޮށްފި

ސަރުކާރަށް 3 އަހަރު ފުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

17 ނޮވެމްބަރު 2026، 09:58

17 ނޮވެމްބަރު 2026، 09:58

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހައްލުނުވެ އޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 13،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގެ ބައިވެރިންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ، މީގެ ކުރިން ބިދޭސީންގެ މައްސަލައަކީ އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި ސިޔާސީ ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކައެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ތަފާތަކީ ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި ދެއްކި އިހުލާސްތެރިކަމާއި އަމަލީ ނަތީޖާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މައުލޫމާތު އެއްކޮށް، ދަފްތަރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިނަމަވެސް އެންމެ އެއް އިންސައްތަ ގައުމަށް ނޫނީ ހާސިލުނުކުރެވޭ ފަދަ ތާރީހީ ބޮޑު ކާމިޔާބީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރާއްޖެއިން މިއޮތީ މި ނަތީޖާ ހާސިލުކޮށްފައި. އިހުލާސްތެރިކަމާއެކު މަސައްކަތްކުރާނަމަ ކަންކަން ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮންނަންވާނެ. ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީންގެ ރެކޯޑު އަދަދެއް މި މުއްދަތުގެ ތެރޭގައި މިވަނީ ފޮނުވާލެވިފައި. ޖުމްލަ 13،000 ބިދޭސީން މިހާރު ވާނީ ޑީޕޯޓުކުރެވިފައި،"

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި ނުކުރެވޭ މިންވަރަށް މި މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މަސައްކަތްކޮށް، އޭގެ ހެޔޮ ބަދަލު ރައްޔިތުންނަށް ދައްކުވައިދީފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި އިޖުތިމާއީ ފޭރާމަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާތީ، އެކަން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބިދޭސީންގެ މައުލޫމާތު ނެގުމުގެ އިތުރުން، ދިވެހިންގެ ނަމުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ.

މި އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އެއްވެސް ބިދޭސީއަކު ފެނިއްޖެނަމަ، އެއްވެސް ފުރުސަތެއް ދިނުމަކާ ނުލައި ވަގުތުން ޑީޕޯޓުކޮށްލާނެ ކަމުގެ ހަރުކަށި އިންޒާރު ވެސް ސަރުކާރުން މިހާރު ވަނީ ދީފައެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450