ޚަބަރު
ސަރުކާރުގެ މުހިއްމު މަޢުލޫމާތުތައް ރިކަވަރ ކުރެވޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވައިފި

ނޫސްވެރިންގެ ބައްދަލުުވުން ފޮޓޯ: ވުޒާރާ
ސަރުކާރުގެ މުހިއްމު މަޢުލޫމާތުތައް ރިކަވަރ ކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އިމާރާތް ކުރުމާއި ބިނާވެށި ކުރިއެރުވުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ފުދޭވަރަކަށް ގިނަ ޑާޓާތަކުގެ ބެކްއަޕް ހުރިކަމަށެވެ. އެގޮތުން ރައްޔިތުންނާ ގުޅުން ހުރި ހައުސިން މަޝްރޫއުގެ އެއްވެސް މަޢުލޫމާތެއް ގެއްލިފައިނުވާކަމަށާއި ސަރުކާރުން އަލަށް ހުޅުވާލި ލޯނު ސްކީމްގެ އެޕްލިކޭޝަންތައްވެސް ނުގެއްލޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު ބަލަން މިޖެހެނީ ހިސްޓޮރިކަލް މަޢުލޫމާތުތައް އަދި ފާއިތުވި މުއްދަތުގައި ކުރި މަސައްކަތްތަކާ ގުޅުން ހުރި ޑޭޓާތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ގެއްލުންވީ ކިހާވަރެއްތޯ. އޭގެ ތެރޭގައި އަޅުގަނޑުމެންނަށް ސައިޓް ތެރޭގައި ހުރި ސަރވާތަކުން ސްޓޯރޭޖް ނަގައިގެން ރިކަވަރ ކުރެވޭ އެއްޗެހިތަކެއް ހުރިތޯ ނުވަތަ ނޫންތޯ
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިހާރުވެސް ގެއްލިދާނެކަމަށް ބެލެވޭ މަޢުލޫމާތުތައް ރިކަވަރ ކުރުމުގެ މަސައްކަތްތައް ކުރަމުންގެންދާކަމަށެވެ. އަދި މި ދަނޑިވަޅުގައި އެންމެ ބޮޑަށް އިސްކަން ދެނީ ޑޭޓާތައް ރިކަވަރ ކުރުމުގެ މަސައްކަތުގެ އިތުރަށް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ޚިދުމަތްތައް ދިނުމަށްކަމަށެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުންވި ތިން ވުޒާރާގެ މަސައްކަތްތައް ދަރުބާރުގެއަށް ވަނީ ބަދަލުކޮށްފައެވެ. ވަޒީރު ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން ދަރުބާރުގެއިން ވުޒާރާތަކުގެ ޚިދުމަތް ލިބެމުންދާނެކަމަށެވެ. އަދި ދަރުބާރުގޭގައި ވުޒާރާތަކުގެ ސެޓްއަޕްތައް ހަދަމުންދަނީ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެގޮތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ނިމުމުގެ ގޮތުން، ސަރުކާރުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.