ޚަބަރު
އިދިކޮޅު މީހުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި، ސަރުކާރު ދާނީ ރައްޔިތުންނާއެކު ކުރިއަށް: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޙަޤީޤީ ދުނިޔޭގައި ރައްޔިތުންނާ އެކު ކުރިއަށްދިއުމަށް ކަމަށާއި، އިދިކޮޅު ފަރާތްތައް ތިބީ ޚިޔާލީ ދުނިޔެއެއްގައި ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް އިރެއްގައި ހުސް ވާހަކަ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށާއި، ސަރުކާރުން އަބަދުވެސް ޖަވާބުދާރީވާނީ ނެރެދޭ ނަތީޖާއިން ކަމަށެވެ. އަދި ސަރުކާރުން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރަމުންދާނީ ޙަޤީޤަތުގެ މައްޗަށް ބިނާކޮށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއިން. ހުސް ވާހަކައެއް ނުދައްކާނަން. އަޅުގަނޑުމެން އުޅޭނީ ޙަޤީޤީ ދުނިޔޭގައި. އިދިކޮޅު މީހުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި އަޅުގަނޑުމެންދާނީ ރައްޔިތުންނާއެކީ ޙަޤީޤީ ދުނިޔޭގައި ކުރިއަށް،"
ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރުން ހޯދާފައިވާ މުހިންމު ކާމިޔާބީތައް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި، ޤައުމީ އަސްކަރިއްޔާ ޒަމާނީ ފެންވަރަށް ވަރުގަދަކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ހަމައެއާއެކު، ޤައުމުގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށްޓަކައި ކުރެވުނު މުހިންމު އިޞްލާޙީ މަސައްކަތްތަކާއި، ޤައުމީ ޚިދުމަތުގެ ޕްރޮގްރާމާއި، ޒުވާން ޙާފިޒުން ބިނާކުރުމަށް ފެށި ޕްރޮގްރާމަށް ލިބެމުންދާ ބޮޑު ކާމިޔާބީ ފާހަގަކުރައްވައި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްޤީ ހޯދައިދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.