ޚަބަރު
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި 113 ބޭފުޅަކަށް ޤައުމީ ފެންވަރުގެ އިނާމު ދެއްވަނީ
2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ނިންމަވައިފިއެވެ. މި ޖަލްސާ އޮންނާނީ މާދަމާރޭ 8:30 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.
މި ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީން ބޭފުޅުން ހޮއްވެވި މި އިނާމަކީ، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އަރުވާ އިނާމެކެވެ. މީގެ އިތުރުން، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް މި އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައިވެސް ވަނީ މި އިނާމު އަރުވާފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިއަހަރު 57 ބޭފުޅަކަށް އެރުވުމަށް ވަނީ ނިންމަވާފައެވެ. ޚާއްޞަ އިނާމާބެހޭ ކޮމިޓީން ކަނޑައެޅުއްވި މި އިނާމުތައް ލިބިވަޑައިގަންނަވާ ދާއިރާތަކަކީ:
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 6 ބޭފުޅުން.
ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅުން.
ބައިނަލްއަޤުވާމީ މައުރަޒަކުން، މުބާރާތަކުން ނުވަތަ ބައިނަލްއަޤުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދި އެއް ފަރާތް.
ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.