ޚަބަރު
އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމު ފުޅާވެ، 14.10 މިލިއަން ފަސިންޖަރުން ދަތުރުކޮށްފި
އާރްޓީއެލް ފެރީ/ ފޮޓޯ: އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ދަތުރުފަތުރުގެ ނިޒާމް މުޅި ރާއްޖެއަށް ފުޅާވެ 14.10 މިލިއަން ފަސިންޖަރުން އެ ހިދުމަތް ހޯދާފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްޓީސީސީ އިން މައުލޫމާތު ދިން ގޮތުގައި އޮކްޓޯބަރު 2026 ގެ ނިޔަލަށް އެމްޓީސީސީގެ ދަތުރުފަތުރުގެ ޚިދުމަތްތަކުން ޖުމްލަ 14.10 މިލިއަން ފަސިންޖަރުން އެ ހިދުމަތް ހޯދާފައިވާއިރު 2025 ވަނަ އަހަރު 16.25 މިލިއަން ފަސިންޖަރުން އެ ހިދުމަތް ހޯދާފައިވެއެވެ. އަދި 2024 ވަނަ އަހަރު 16.08 މިލިއަން ފަސިންޖަރުން އެ ހިދުމަތް ހޯދާފައިވެއެވެ.
އަދުގެ ސަރުކާރުން އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމް ފުޅާކޮށް ވީހައިވެސް ގިނަ ދިވެހިންނަށް އެ ހިދުމަތް ދިނުމުގެ ގޮތުން އާރުޓީއެލް ފެރީގެ ހިދުމަތް ވަނީ ފަށާފައެވެ. އަދި މި ހިދުމަތުގެ މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ކުޑަ އަގެއްގައި ކަނޑު ދަތުރުފަތުރު ކުރެވޭނޭގޮތް މަގުފަހިކުރުމާއި އިގްތިސާދީ އަދި އިޖުތިމާއީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްޓީސީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ތިން އަހަރުތެރޭގައު އެ ހިދުމަތްވަނީ ނ. އަތޮޅުގެ 13 ރަށް، ރ.އަތޮޅުގެ 16 ރަށް، ބ. އަތޮޅުގެ 13 ރަށް، ތ. އަތޮޅު 13 ރަށް، ލ.އަތޮޅު 12 ރަށް، ފ.އަތޮޅު 5 ރަށުގެ އިތުރުން ދ.އަތޮޅުގެ 7 ރަށަކަށް ވަނީ ފަށާފައެވެ. އަދި 79 ރަށް ހިމެނޭހެން 7 އަތޮޅެއްގައި 20 އާ ރޫޓް ތައާރަފްކޮށްފައިވާއިރު މިހާރު އާރުޓީއެލް ގެ ހިދުމަތް 15 އަތޮޅުގައި 144 ރަށަކަށް ދެމުން އަންނަ ކަމަށް ވެސް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެ ކުންފުނިން ވަނީ އާންމުންނަށް ފަސޭހަ ކަމާއެކު ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ ކަންތައްތަކެއް ކޮށްފައެވެ. އެގޮތުން އާރުޓީއެލް ބަހުގެ ހިދުމަތް ނ. ކެނދިކުޅޫދޫ އާއި ރ. ދުވާފަރުގައި ފަށާފައިވެއެވެ. އަދި ތެލެސީމިއާ ކުދިންނަށް ހާއްސަކޮށް އޮރެންޖު ހިޔާ ރޫޓް ތައާރަފްކޮށްފައިވާއިރު ވިލިމާލޭ ބަސްރޫޓަށް ވެސް ކަސްޓަމަރުން އެދޭފަދަ ބަދަލުތަކެއް ގެނެސްފައިވެއެވެ. އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ކުންފުނީގެ އާރުޓީއެލް ބަހުގެ ހިދުމަތް 7 އަތޮޅެއްގެ 14 ރަށެއްގައި ލިބޭނެއެވެ.
މީގެ އިތުރުން އަދުގެ ސަރުކާރުން ވަނީ އާންމުންނަށް ފަސޭހައިން ޓެކްސީގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މާލެ ޓެކްސީ ލައިން ގެ ނަމުގައި ޓެކްސީ ލައިން އެއްގެ ހިދުމަތް ދޭން ފަށާފައެވެ. މި ޓެކްސީ ލައިންގައި 150 އިލެކްޓްރިކް ކާރު ހިމެނޭއިރު މިއަހަރުގެ އޭޕްރީލް 2026 އިން ފެށިގެން އޮކްޓޫބަރު 2026 ގެ ނިޔަލަށް 215،960 މީހުން މި ޓެކްސީތަކުން ދަތުރުކޮށްފައިވެއެވެ.
އެމްޓީސީ އިން ލަފާކުރާ ގޮތުގައި 2026 ނިމުމުގެ ކުރިން 16 މިލިއަނެއްހާ ދަތުރުވެރިން އެ ކުންފުނީގެ ދަތުރުފަތުރުގެ ނިޒާމުން ހިދުމަތް ހޯދާނެއެވެ.