ޚަބަރު
ބިދޭސީއެއްގެ އަތުން ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓައިފި
ކަސްޓަމްސްއިން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ޕެކެއް / ފައިލް ފޮޓޯ: ކަސްޓަމްސް
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، އެމްފެޓަމައިންކަމަށް ތުހުމަތު ކުރެވޭ މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ މަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝްއިން ރާއްޖެ އައި 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުންނެވެ. އެ މީހާގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އޭނާގެ ދަބަސް ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ.
އަތުލައިގަނެވުނު މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 560 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އަތުލައިގަތް މަސްތުވާތަކެއްޗާއި އެ މީހާ މިހާރު ވަނީ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަޙުޤީޤު ކުރަމުންނެވެ.
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި. 🔹ބާވަތް: އެމްފެޓަމައިން 🔹ބަރުދަން: 560 ގްރާމް https://t.co/HUuqsAm231
— Maldives Customs Service (@CustomsMv) November 19, 2026
މީގެ އިތުރުން، ހަމަ މި މަހުގެ ތެރޭގައި މެލޭޝިއާއިން ރާއްޖެ އައި ދިވެހި ފިރިހެނަކު އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. އެ މީހާގެ އަތުން 3.2 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.