ޚަބަރު
ޖުމްހޫރީ ދުވަހަކީ ގައުމުގެ މުސްތަގުބަލާ މެދު ފިކުރު ހިންގަންވީ ދުވަސް: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުމުހޫރީ ދުވަހުގެ ހަފްލާފައި ބައިވެރިވެ ވަޑައިގަތުން - ފޮޓޯ: އެމްއެމްޓީވީ
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ދިވެހި ރައްޔިތުން ގައުމާ މެދު ފުންކޮށް ވިސްނައި، ގައުމުގެ މާދަމާގެ މުސްތަގުބަލާ މެދު ފިކުރު ހިންގަންވީ މުހިންމު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ތެރެއިން އަޣުލަބިއްޔަތުގެ ނިންމުމާ އެއްގޮތަށް ގައުމު ހިންގުމަށް ވެރިޔަކު ކަނޑައަޅާ ޑިމޮކްރެޓިކް ނިޒާމު ކަމަށެވެ. އެހެންކަމުން މި ދުވަހަކީ ދިވެހި ދައުލަތުގެ ވެރިކަން ހިންގުމުގައި ދިވެހި ރައްޔިތުން އެމީހުންގެ ބަސް އިއްވި ޑިމޮކްރެޓިކް ތާރީޚީ ނިންމުން ފާހަގަކުރާ ދުވަސް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދިވެހީންގެ އެ ދުވަހާއި މި ދުވަހާ މާދަމާއާ މެދު ވިސްނާ ފިކުރުކުރަން އޮތް ދުވަސް. މި ހާއްސަ ޖަލްސާ މި ބޭއްވެނީ މި ދެންނެވި ހާއްސަ މާނައިގާ. މި އިޝާރާތްކުރި މުހިންމު މަގްސަދުގާ. ޖުމްހޫރީ ދުވަހަކީ ދިވެހީން ދިވެހި ގައުމާ މެދު ވިސްނުމުގެ ދުވަސް. ގައުމުގެ މުސްތަގުބަލާ މެދު ފިކުރު ހިންގުމުގެ ދުވަސް."
ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ދިވެހީންގެ އިއްޔެއާއި މިއަދުގެ އިތުރުން މާދަމައާ މެދު ވެސް ފުންކޮށް ވިސްނުމުގެ މުހިންމުކަން ހަނދާންކޮށްދެއްވިއެވެ. އަދި ރާއްޖެއަކީ ވަރަށް ނަސީބުވެރި، އަމާންކަމާއި މަތިވެރި ނިއުމަތްތަކުން ފުރިގެންވާ ގައުމެއްކަން ބަޔާންކުރައްވަމުން، 4،000 އަހަރުވީ ދިގު ތާރީޚުގައި މަދު އާބާދީއަކުން މި ބޮޑު ސަރަހައްދު މިނިވަންކަންމަތީ ދިފާއުކޮށްފައި އޮތުމަކީ މާތް ﷲ ދެއްވި ވަރަށް ބޮޑު ނަސީބެއް ކަމަށް ވިދާޅުވިއެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް ރާއްޖޭގައި އެއް ލައްކަ މީހުން ހަމަނުވާ އާބާދީއެއް އޮތްއިރު، މިފަދަ ބޮޑު ގައުމެއް ސަލާމަތްތެރިކަންމަތީ ދެމިއޮތުމަކީ ވިސްނާލަންޖެހޭ އަޖާއިބެއް ފަދަ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިހާ މަދު އާބާދީއެއްގެ ބަޔަކު އެތައް ހާސް އަހަރަކަށް މިހާ ބޮޑު ރާއްޖެއެއް ދިފާއުކޮށް، މިނިވަންކަންމަތީ ތިބެން މާތް ﷲ މިންވަރުކުރެއްވި އާދަޔާ ހިލާފު ހަގީގަތަކީ ވަރަށް މަތިވެރި ނިޢުމަތެއް. ވަރަށް ބޮޑު އުފަލެއް."
ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަހަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަމިއްލަ ވަޒަނެއް ނެތި، އަނިޔާއާއި ހިތްދަތިކަން ތަހައްމަލު ކުރަމުންދާ އެތައް މިލިއަން އިންސާނުންގެ ހާލަތު މިއަދު ފެންނަމުންދާއިރު، ދިވެހިންނަށް ލިބިފައިވާ އަމާންކަމަށްޓަކައި އަބަދުވެސް މާތް ﷲގެ ހަޟްރަތަށް ޝުކުރުވެރިވާންޖެހޭ ކަމަށެވެ.
މި ޖަލްސާގައި ރައީސްގެ އަނބިކަނބަލުން މެދަމް ސާޖިދާ މުހައްމަދުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ދައުލަތުގެ އިސް ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަލްސާ ނިންމަވާލައްވަމުން ރައީސް ވަނީ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވައި، އެކި ދާއިރާތަކުން ގައުމީ ފެންވަރުގައި ޝަރަފުވެރި އިނާމު ހާސިލުކުރެއްވި ފަރާތްތަކަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.