ޚަބަރު
ދީނީ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް އަރުވައިފި
ޑރ މުހައްމަދު ރަޝީދު އިބުރާހިމް - ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގައި އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ދީނީ ރޮނގުން ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ދީނީ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު ގ. ގަސްކަރަ، ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް ދައުލަތުން އަރުވައިފިއެވެ.
މި ޝަރަފު އެމަނިކުފާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދީނީ ރޮނގުން ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވެދެއްވާފައިވާ މަތިވެރި އަދި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ. އެމަނިކުފާނަކީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށާއި ދައުލަތަށް އިސް މަޤާމުތަކެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ދައުލަތުގެ ޚިދުމަތް ފެށްޓެވީ 8 ފެބުރުވަރީ 1981 ގައެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރު ކަމާއި، އެ އޮފީހުގެ ޚާއްޞަ ވަކީލު ކަމުގެ މަޤާމެވެ. އޭގެފަހުން، 15 ޖަނަވަރީ 1987 ގައި އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އުފެދުމާއެކު، އެ މަދަރުސާގެ މުދީރުގެ މަޤާމާ ހަވާލުވެވަޑައިގެން، ޘާނަވީ ތަޢުލީމާ ހަމައަށް ޢަރަބި ބަހުން ކިޔަވައިދޭ ފެންވަރު ރަނގަޅު މުއައްސަސާއަކަށް އެތަން ހެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
ރާއްޖޭގެ ޝަރުޢީ ދާއިރާގައިވެސް އެމަނިކުފާނު ވަނީ ނުހަނު ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައެވެ. މިގޮތުން، މިނިސްޓަރ އޮފް ޖަސްޓިސްގެ ނައިބުކަމާއި، މިނިސްޓަރ އޮފް ޖަސްޓިސް ކަމުގެ އިތުރުން މިނިސްޓަރ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ މަޤާމު ފުރުއްވިއެވެ. އަދި 6 ނޮވެންބަރު 1996 ގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމާ ގުޅިގެން ޝަރުޢީ ދާއިރާ ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވިއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަންވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވިއެވެ.
ދީނީ ދާއިރާއިން ބަލާއިރު، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ރައީސްކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެޑްވައިޒަރުކަން އެމަނިކުފާނު އަދާކުރެއްވިއެވެ. އަދި 2016 އޮގަސްޓު 3 ގައި އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރަކަށް ހަމަޖެއްސެވުމަށްފަހު، 18 ޖަނަވަރީ 2017 ގައި އެ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ޢައްޔަންކުރެއްވިއެވެ. އެ މަޤާމަކީ އެމަނިކުފާނު ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގަތުމުގެ ކުރިން އެންމެ ފަހުން ފުރުއްވި މަޤާމެވެ.
ޢިލްމު ފެތުރުމުގެ ދާއިރާއިން، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރި ކޮމިޓީގެ މެންބަރެއްގެ ގޮތުންނާއި، އެ ކޮމިޓީގެ ރައީސްގެ ގޮތުގައި 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އަދި މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއާއި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގައި ކިޔަވައިދެއްވައި، ގިނަ ދަރިވަރުންތަކެއްގެ އިޙްތިރާމާއި ލޯބި ހޯއްދެވިއެވެ. މީގެއިތުރުން، ރަމަޟާން މަހުގެ އިޙްޔާ ފޯރަމްތަކުގައި ތަޤްރީރު ކުރެއްވުމާއި، ހުކުރު ޚުޠުބާ ލިޔުއްވުމާއި، ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން "ދީނުގެ މަގު" ނޫހަށް ހަފުތާއަކު އެއްފަހަރު ދީނީ ލިޔުންތައް ލިޔުއްވިއެވެ.
ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަކީ ކުޑަކުދިންނަށް ޚާއްޞަ ދީނީ ވާހަކަތަކާއި ކީރިތި ރަސޫލާގެ ސީރަތުގެ މައްޗަށް އެކުލެވޭ ފޮތްތައް ހިމެނޭހެން ގިނަ އަދަދެއްގެ ޢިލްމީ ފޮތްތައް ލިޔުއްވާފައިވާ މުޞައްނިފެކެވެ. މީގެތެރެއިން އެމަނިކުފާނު ޢިލްމު ހޯއްދެވުމުގައި ހޭދަކުރެއްވި ދުވަސްތަކުގެ މައްޗަށް ލިޔުއްވި "ޅަފުރާގެ ދުވަސްތައް" ފޮތަކީ ފާހަގަކޮށްލެވޭ ޢިބްރަތްތެރި މަސައްކަތެކެވެ.
ޤައުމަށް ކޮށްދެއްވި މި މަތިވެރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ވަނީ 10 ނޮވެންބަރު 2008 ގައި އެމަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބުވެސް އަރުވާފައެވެ.