ޚަބަރު
ދިވެހިންގެ ކުރިއެރުމާއި މަދަނީ ތަހުޒީބަށް ޖާގަ ހޯދަންޖެހޭ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖުމުހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް
ދިވެހި ޤައުމާއި ވަޠަނުގެ ދިފާޢުގައި އެންމެހައި ފިކުރުތަކާއި ޢަމަލުތައް ސީދާކޮށް، ދިވެހިންގެ ކުރިއެރުމަށާއި މަދަނީ ތަހުޒީބީ ޙަޔާތަށް ފުރުޞަތުތައް ފަހިކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖުމްހޫރީ ވެރިކަމުގެ މާނައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "ޖުމްހޫރު" ގެ މާނައަކީ ގިނަ ރައްޔިތުން ކަމަށާއި، މި ނިޒާމަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގުން ކަމަށެވެ. އެހެންކަމުން، މި ދުވަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ފާހަގަކޮށް، ޤައުމުގެ ވެރިކަމާމެދު ރައްޔިތުން ބަސް އިއްވި ދުވަސް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިއީ ދިވެހިންގެ އިއްޔެއާއި މިއަދުގެ އިތުރުން ޤައުމުގެ މުސްތަޤުބަލާއި މާދަމާއާމެދު ފުންކޮށް ވިސްނައި ފިކުރު ހިންގަންވީ ދުވަސް ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ދިގު ތާރީޚަށް ބަލާއިރު ދިވެހިންނަކީ ވަރަށް ނަސީބުވެރި ބައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހިން ތިބީ އަމާންކަމާއި ފަހި ނިޢުމަތުގައި ކަމަށެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް ރާއްޖެއަކީ އެއްލައްކަ މީހުން ހަމަނުވާ ކުޑަ އާބާދީއެއް އޮތް ޤައުމަކަށްވާއިރު، މިހާ ކުޑަ އާބާދީއަކުން އެތައް ހާސް އަހަރަކަށް މި ބޮޑު ޖަޒީރާ ޤައުމު ދިފާޢުކޮށް، މިނިވަންކަންމަތީ ދެމިތިބުމަށް މާތް ﷲ މިންވަރުކުރެއްވި ކަމީ ޝުކުރުވެރިވާންޖެހޭ ވަރަށް މަތިވެރި ނިޢުމަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަމިއްލަ މިނިވަން ފަސްގަނޑެއް ނެތުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް އިންސާނުންނެއް ތަޙައްމަލު ކުރަމުންދާ ވޭނާއި ހިތްދަތިކަން ފެންނަމުންދާއިރު، ދިވެހިންނަށް ލިބިފައިވާ މިނިވަންކަމުގެ އަގު ވަޒަންކުރަންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހި ކާބަފައިންގެ ޙިކުމަތްތެރިކަމާއި ތޫނުފިލި ވިސްނުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދުނިޔެއަށް އަންނަ ލޮޅުންތަކާއި ބަދަލުތަކަށް ދިވެހިން އަބަދުވެސް ހޭނިފައިވާ ކަމަށެވެ. އެގޮތުން، އިސްލާމްދީން ބާވައިލެއްވިތާ މާގިނަ ދުވަސްތަކެއް ނުވެ، އެއީ ޙައްޤު ދީންކަން ދަނެ ދިވެހިން އެ ދީން ޤަބޫލުކުރީ ވަށައިގެންވާ މާޙައުލުގެ ކުލަތަކަށް ބެލުމެއްނެތި، މާތް ﷲ ގެ ރިޢާޔަތްތެރިކަން ލިބިގަތުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ސިޔާސީ ގޮތުންނާއި ވެރިކަމުގެ ނިޒާމަށް އައި ބަދަލުތަކަށް ބަލާއިރު، މި ސަރަޙައްދުގައިވެސް އެންމެ ފުރަތަމަ ލިޔެވިފައިވާ ޤާނޫނުއަސާސީއެއް ބަލައިގަތީ ދިވެހިންކަން ރައީސް ހަނދާންކޮށްދެއްވިއެވެ. އަދި ވިރާސީ ރަސްކަމުން އިންތިޚާބީ ރަސްކަމަކަށް، އަދި އޭގެފަހުން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެ، މިއަދު ޒަމާނީ ޑިމޮކްރަސީއެއް ދިވެހިން ބަލައިގެންފައިވާކަމީ، ޤައުމަށް އެންމެ ފައިދާހުރި އަދި ލާބަހުރި ތަރައްޤީގެ މަގުތައް ހޯދުމުގައި ދިވެހި ރައްޔިތުންނަކީ ލާމަސީލު ބައެއްކަން ސާބިތުވާ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުމްހޫރީ ދުވަސް ފާހަގަކުރާއިރު ކޮންމެ ދިވެއްސަކުވެސް އަމިއްލަ ނަފްސާ މުހިންމު ސުވާލުތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމަށް އެންމެ ބޮޑެތި ފައިދާތައް ޙާޞިލުކުރާނީ ކިހިނެއްތޯއާއި، ކުރިމަތީގައި ހުރި ގޮންޖެހުންތަކާއި ދަތިތައް ގިރާކުރުމަށްޓަކައި ވަކިވަކި ފަރުދުންގެ ޙައިޞިއްޔަތުން ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ ވިސްނައި ޢަމަލީ ގޮތުން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.