Ads by Farudhun

ޚަބަރު

ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ކަރާމާތާއި ވެރިކަމުގައި ބައިވެރިވުން ކަށަވަރުކޮށްދޭ ނިޒާމެއް: ހީނާ

ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ކަރާމާތާއި ވެރިކަމުގައި ބައިވެރިވުން ކަށަވަރުކޮށްދޭ ނިޒާމެއް: ހީނާ

މިނިސްޓަރު ހީނާ ވަލީދު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

19 ނޮވެމްބަރު 2026، 09:55

19 ނޮވެމްބަރު 2026، 09:55

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ޒަމާނުއްސުރެ ރައްޔިތުންގެ ބައިވެރިވުން އެކުލެވިގެންވާ ހައިބަވަންތަ ނިޒާމެއް ކަމަށާއި، ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ކަރާމާތާއި ވެރިކަމުގައި ބަސްބުނުމުގެ ހައްޤު ކަށަވަރުކޮށްދޭ އެންމެ ފުރިހަމަ ނިޒާމު ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޖުމްހޫރީ ވެރިކަމުގެ އެންމެ މައިގަނޑު އަސާސަކީ ރައްޔިތުންގެ އަމިއްލަވަންތަކަމާއި ކަރާމާތް ދެމެހެއްޓުމާއެކު، ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ކަންކަމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންގެ ބައިވެރިވުން ލިބިގެންދިޔުމަކީ މި ނިޒާމުން ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނަފާ ކަމުގައި ފާހަގަކުރެއްވިއެވެ.

"ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުންކަމުގާ ވީ ހިނދު އޭގެ ތަރަހަޔަކީވެސް ހަމަ ތިޔަ ލޮބުވެތި ރައްޔިތުންކަމުގާ ވީހިނދު އަޅުގަނޑުމެންނަކީ މުރުއްވަތްތެރި އަޚުލާގެއްގެ ވެރި ބަޔަކަށް ވާންޖެހޭ ކަމުގައި ކާބަފައިންވެސް މިވަނީ އިލްތިމާސްކުރައްވާފައި. އަނެކުންނާ ރީތިކޮށް މުޢަމާލާތްކޮށް އުޅޭ އަނެކާގެ ގަދަރާއި އިހުތިރާމަށް ވިސްނަން ދަންނަ ބަޔަކަށްވެސް ވާންޖެހޭ ކަމުގައާއި ގައުމަށް ހުރުމަތްތެރިކޮށް ހިތުމަށާއި އިޚުލާސްތެރިކަން އިސްކުރުމަށްވެސް ހަނދާން ބަހައްޓަން ޖެހޭކަމަށް ގޮވާލާފައި. އެހެންކަމުން މިފަދަ ދުވަހެއްގައި މިއީ ވިސްނާލަންޖެހޭ މުހިއްމު ކަމެއް."

ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ދިގު ތާރީޚަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހީންނަކީ މީގެ 1500 އަހަރަށްވުރެ ކުރިއްސުރެ ވެސް އަމިއްލަ ވެރިކަމެއް އޮވެ، ޤަދީމީ އަދި ހައިބަވަންތަ ދައުލަތެއް ބިނާކޮށްފައިވާ ބައެއްކަން ތާރީޚީ ލިޔެކިޔުންތަކުން ސާބިތުވާ ކަމަށެވެ. އަދި ރާއްޖެއަށް ޖުމްހޫރީ ވެރިކަމުގެ ނިޒާމު ތަޢާރަފްވެގެން ދިޔައީ ފަހުގެ ތާރީޚެއްގައި ނަމަވެސް، ޒަމާނުއްސުރެ ދިވެހީންގެ ވެރިކަން ހިންގުމުގައި ޖުމްހޫރީ ސިފަތައް ވަރަށް ފުޅާ ދާއިރާއެއްގައި އަށަގަނެފައިވާ ކަމަށާއި، އެއީ ޤައުމެއްގެ ގޮތުގައި ދިވެހީން ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޖުމްހޫރީ ވެރިކަމެއްގެ އަސްލު ބިނާވެގެންވަނީ ރައްޔިތުންގެ މައްޗަށް ކަމަށްވުމާއެކު، ދިވެހި ކާބަފައިން ނަސޭހަތްތެރިވެފައިވާ ފަދައިން ރިވެތި އަޚުލާޤާއި މުރުއްވަތްތެރިކަން އިސްކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމް ކުރުމަށާއި، ދައުލަތަށް އިޚްލާޞްތެރިވެ ޤައުމަށް ޙުރުމަތްތެރިކޮށް ހިތުމަކީ މިފަދަ ދުވަހެއްގައި ކޮންމެ ފަރުދަކުވެސް ވިސްނާލަންޖެހޭ މުހިންމު ކަމެއްކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ. ހަމައެއާއެކު، ޤައުމުގެ ލާބަޔާއި ކުރިއެރުމަށްޓަކައި މުޖުތަމަޢުގެ ވަކިވަކި ފަރުދުން ކޮށްދޭ އަގުހުރި ޚިދުމަތްތައް ބަލައިގަނެ، އެކަންކަމުގެ އަގުވަޒަންކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ޚާއްޞަ ޖަލްސާގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިއްޒަތްތެރި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކޮށް ޝަރަފުގެ އިނާމު ވަނީ އަރުވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450