ޚަބަރު
ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރައި، ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ދަރަޖަ ހޯދައިފި
ޕިއެންސީއިން ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ބައިވެރިވުން - ފޮޓޯ: ފަރުދުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަމްސީލު ކުރައްވާ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ، ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ހަމަޖެހި، ތާރީޚީ ރެކޯޑެއް ޤާއިމުކޮށްފިއެވެ. މިގޮތުން މިއަދާ ހަމައަށް އައިއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ އެއްލައްކައަށް ވުރެ މައްޗަށް އަރާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ދަފްތަރުން ދައްކާގޮތުގައި، 17 ނޮވެންބަރު 2026 ގެ ނިޔަލަށް ޕީއެންސީގައި ރަޖިސްޓްރީވެފައިވާ މެންބަރުންގެ އަދަދު ވަނީ 98,134 އަށް ވުރެ އިތުރުވެފައެވެ. އަދި އޭގެ ފަހުން ހުށަހެޅުނު ފޯމުތަކާއެކު، މިއަދު އެ ޕާޓީ ވަނީ އެއްލައްކަ މެންބަރުންގެ މައިލްސްޓޯން ފަހަނައަޅައި ގޮސްފައެވެ. މިއީ ސަރުކާރަށް ތިން އަހަރު ފުރުމާ ދިމާކޮށް، ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީއަކަށް ރައްޔިތުންގެ ފަރާތުން މިހާތަނަށް ލިބުނު އެންމެ ބޮޑު ތަރުހީބު ކަމުގައި ފާހަގަކުރެވެއެވެ.
31 ޖަނަވަރީ 2019 ގައި އުފެދުނު ޕީއެންސީއަށް މިފަދަ ބޮޑު ކުރިއެރުމެއް ލިބިގެންދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޕާޓީގެ ޒަޢާމަތާ ޙަވާލުވެވަޑައިގަތް ހިސާބުންނެވެ. 17 ނޮވެންބަރު 2023 ގައި، ރިޔާސީ އިންތިޚާބުގެ 54 އިންސައްތަ ވޯޓާއެކު ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި އިރު، ޕީއެންސީގެ ދަފްތަރުގައި ތިބީ އެންމެ 3,159 މެންބަރުންނެވެ.
ނަމަވެސް، އެ މަނިކުފާނުގެ ހަރުދަނާ ސިޔާސަތުތަކާއެކު ޖެނުއަރީ 2024 ގައި މި އަދަދު 28,201 އަށް އަރައިގެން ދިޔައެވެ. އަދި ހަމަ އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މެންބަރުންގެ އަދަދު 68,968 އަށް އިތުރުވެ، ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޝަރަފު ޕީއެންސީން ހޯދިއެވެ. މެންބަރުން އިތުރުކުރުމުގެ ބާރު ދުވެލި މެދުކެނޑުމެއްނެތި ކުރިއަށްގޮސް، 2025 ވަނަ އަހަރު ނިމުނުއިރު 74,048 އަށް އެރިއިރު، 2026 ވަނަ އަހަރު ހިންގި ޚާއްޞަ ކެމްޕޭންތަކާއެކު މި އަދަދު ވަނީ 98,000 ފަހަނައަޅައި، އެއްލައްކައަށް ވުރެ މައްޗަށް ޖެހިލާފައެވެ.
ސިޔާސީ މުރާސިލުން ފާހަގަކުރާ ގޮތުގައި، ވެރިކަމުގެ ކުރު މުއްދަތެއްގެ ތެރޭގައި 70،000 އާއި 95،000 އާ ދެމެދުގެ އަދަދަކަށް އައު މެންބަރުން ޕާޓީއާ ގުޅުމަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް ފެނިފައިނުވާ ފަދަ ބޮޑު ކާމިޔާބީއެކެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޤައުމު ބިނާކުރުމުގެ ތަޞައްވުރަށާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަށް ރައްޔިތުން ކުރާ ފުރިހަމަ އިތުބާރު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. ހަމައެއާއެކު، ސަރުކާރުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ނަތީޖާއެއް ވެސް މެއެވެ.