ދުނިޔެ

އިސްރާއީލުގެ އައު އޮޕަރޭޝަނަކާ ގުޅިގެން ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް އަނެއްކާވެސް ހާލުގައި ޖެހިއްޖެ

އިސްރާއީލުގެ އައު އޮޕަރޭޝަނަކާ ގުޅިގެން ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް އަނެއްކާވެސް ހާލުގައި ޖެހިއްޖެ

ޙާލުގައި ޖެހިފައިވާ ޣައްޒާގެ އާއިލާއެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2026، 10:37

20 ނޮވެމްބަރު 2026، 10:37

އިސްރާއީލު ސިފައިން ޣައްޒާގެ މެދުތެރޭގައި ހިންގި ބޮޑު އަސްކަރީ އޮޕަރޭޝަނަކާ ގުޅިގެން، ވަގުތީ ހިޔާވަހިކަމުގައި ދިރިއުޅެމުންދިޔަ އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް އަނެއްކާވެސް އެ ތަންތަން ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދާން މަޖުބޫރުވެއްޖެއެވެ.

 މިއީ އޮކްޓޫބަރު 2025 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ފަހުން، އިސްރާއީލު ސިފައިން އެ ސަރަޙައްދުގައި ހިންގި ކަމަށް ރަސްމީކޮށް އިޢުލާނުކުރި ފުރަތަމަ ބޮޑު އަސްކަރީ އޮޕަރޭޝަނެވެ.

ބުދަ ދުވަހު އިސްރާއީލު އަސްކަރިއްޔާއިން ވަނީ ނުސައިރާތު ރެފިއުޖީ ކޭމްޕުގެ އުތުރުން ތިން ބްލޮކެއް ހުސްކުރުމަށް އަމުރުކޮށްފައެވެ. އެ އަމުރު ނެރުނީ ޙަމާސްގެ ޓަނަލަކަށް އަމާޒުކޮށް ހަމަލާދިނުމަށް ކަމަށް ބުނެއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އެ އަމުރާ ގުޅިގެން އެކަނިވެސް 6,000 އެއްހާ މީހުން ވަނީ އެ ސަރަޙައްދު ދޫކޮށް ގޮސްފައެވެ. ބުރާސްފަތި ދުވަހު އިސްރާއީލުން އެ އޮޕަރޭޝަން ނިންމާލައި، ޣައްޒާގެ މައި މަގެއް ކަމަށްވާ ޞަލާޙުއްދީން މަގު އަލުން ހުޅުވާލި ނަމަވެސް، ދޭތެރެދޭތެރެއިން ބަޑީގެ ހަމަލާތައް ބަދަލުކުރަމުންދާތީ އެނބުރި ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އާންމުން ބުނެއެވެ.

މި އޮޕަރޭޝަނާ ގުޅިގެން ޣައްޒާގެ އެތައް އާއިލާއެއްގެ ދިރިއުޅުން އަނެއްކާވެސް ވަނީ ބިކަވެފައެވެ. އުމުރުން 50 އަހަރުގެ ސުހައިލް އަލް މަޝްހަރާވީ އާއި އޭނާގެ އަށް މެންބަރުންގެ އާއިލާއަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވި މިއީ 13 ވަނަ ފަހަރެވެ. މަޝްހަރާވީގެ އާއިލާއިން ރޭގަނޑު ހޭދަކުރީ ފިނީގެ އަސަރުން ސަލާމަތްވާނެ ފަދަ އަންނައުނެއް ނުވަތަ ކާޕެޓާއި ރަޖާއެއް ފަދަ ތަކެތި ނެތި، ސްކޫލެއްގެ ގޯތިތެރޭގައެވެ. އޭނާ ބުނި ގޮތުގައި އެއްވެސް އިންސާނީ އެހީއެއް އަދި ލިބިފައި ނުވާއިރު، އެ ތަނުގައި ތިބެންޖެހޭނީ ކިހާ ދުވަހަކު ކަމެއްވެސް ނޭނގެއެވެ.

ހަމައެއާއެކު، އުމުރުން 49 އަހަރުގެ އާމިނާ އަލް ގައްސާސް ވެސް ވަނީ އޭނާގެ އާއިލާގެ 10 މެންބަރުންނާއެކު ފޭލިގެ ދޫކޮށް ނުކުންނަން ޖެހިފައެވެ. އޭނާއަށް ގެންދެވުނީ އާއިލާގެ ލިޔެކިޔުންތައް ހުރި ކުޑަ ދަބަހެއް އެކަންޏެވެ. ތަކެތި އުފުލާނެ ވެހިކަލެއް ނުލިބުމުގެ ސަބަބުން ހުރިހާ އެއްޗެއް ދޫކޮށްލަން ޖެހުނުއިރު، އޭނާ ސިފަކުރި ގޮތުގައި މިފަދަ ހާލަތްތަކުގައި އެމީހުންގެ ހަމައެކަނި ވިސްނުމަކީ ކޮންމެ ތަނަކަށް ދާންޖެހުނަސް މަރުން ސަލާމަތްވުމެވެ.

އަލް މުފްތީ ސަރަޙައްދުގައި ރެފިއުޖީ ކޭމްޕެއް ބަލަހައްޓާ އިސްމާޢީލް ޔޫނިސް ބުނި ގޮތުގައި، އިސްރާއީލުގެ އޮޕަރޭޝަން ހިނގި ވަގުތު ކޭމްޕުގެ ފޭލިގެތަކަށް ވަޒަން އަރައި، ކުއަޑްކޮޕްޓަރުތައް ބޯމަތިން އުދުހެމުން ދިޔުމުން އާއިލާތަކުން ދިޔައީ ދާނެ ވަކި މަންޒިލެއް ނެތިއެވެ.

އދ. ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޣައްޒާގައި މިހާރުވެސް ގާތްގަނޑަކަށް 1.4 މިލިއަން މީހުން ދިރިއުޅެމުންދަނީ ފޭލިގެތަކުގައެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އައުމަށްފަހުވެސް، އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން 1,600 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އެ ސަރަޙައްދުގެ ސިއްޙީ އިދާރާތަކުން ހާމަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450