ދުނިޔެ

އަހަރެމެން މަތިން ހަނދާން ނައްތާނުލާ: ޣައްޒާގެ ކުޑަ ކުދިން

އަހަރެމެން މަތިން ހަނދާން ނައްތާނުލާ: ޣައްޒާގެ ކުޑަ ކުދިން

ޣައްޒާގެ ކުޑަކުއްޖެެއް. ފޮޓޯ:ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2026، 05:25

20 ނޮވެމްބަރު 2026، 05:25

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ތިން އަހަރު ފުރިގެން ދިޔައިރު، އެ ސަރަޙައްދުގެ ކުޑަކުދިން އިންތިހާއަށް ނިކަމެތި ހާލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެތައް ހާސް ކުދިންނެއް ޝަހީދުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށް ފަލަސްޠީނުގެ އޮފިޝަލުންނާއި ބައިނަލްއަޤްވާމީ އިންސާނީ އެހީދޭ ޖަމާޢަތްތަކުން ހާމަކޮށްފިއެވެ.

 ތަޢުލީމާއި ޞިއްޙީ ޚިދުމަތާއި އަސާސީ ބޭނުންތަކުން މަޙްރޫމްވެފައިވާ މި ކުދިން ވަނީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެ ކުދިންގެ ހައްޤުތައް ހިމާޔަތްކޮށްދިނުމަށް އެދި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.

ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތެއް ކަމަށްވާ ސޭވް ދަ ޗިލްޑްރަން އިން ނެރުނު އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގައި ކުޑަކުދިންނަށް އެންމެ ނުރައްކާތެރި އެއް ސަރަޙައްދަކީ ޣައްޒާއެވެ. މިދިޔަ 2025 ވަނަ އަހަރު މުޅި ދުނިޔޭގައި ކުޑަކުދިންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ތިންބައިކުޅަ އެއްބައި ރެކޯޑުކުރެވިފައިވަނީ ފަލަސްޠީނުގެ ބިންތަކުގައެވެ. އޭގެ ތެރޭގައި ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް ދިން ޙަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ ގާތްގަނޑަކަށް 12,500 މައްސަލަ ހިމެނެއެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 20,000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. ސޭވް ދަ ޗިލްޑްރަންގެ ރީޖަނަލް ޑިރެކްޓަރ އަޙްމަދު އަލްހެންދާވީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ވިދާޅުވީ، ދިރިތިބި އެތައް ކުދިންނަކީ ޒަޚަމްވެ، މައިންބަފައިން ވަކިވެ ގިނިކަންޏާ ވެފައިވާ ކުދިން ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރާ އަސަރު އެތައް އަހަރަކަށް ދެމިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަނގުރާމައިގައި މިހާތަނަށް 22,000 އަށްވުރެ ގިނަ ކުދިން ޝަހީދުވެ، 45,000 އަށްވުރެ ގިނަ ކުދިން ޒަޚަމްވެފައިވާ ކަމަށެވެ. މީގެ އިތުރުން 71,000 އަށްވުރެ ގިނަ ކުދިންގެ މައިންބަފައިން ނުވަތަ ދެމަފިރިންކުރެ އެކަކު ވަކިވެފައިވާއިރު، 800,000 އެއްހާ ކުދިން ވަނީ ގެދޮރު ގެއްލި މަގުމަތިވެފައެވެ. ހަމައެއާއެކު ހިފާފައިވާ ހުޅަނގު އައްސޭރީގައިވެސް އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި 263 އަށްވުރެ ގިނަ ކުދިން ވަނީ ޝަހީދުކޮށްލާފައެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް ޣައްޒާ ސިޓީގެ ތުރުކީ ސްކޫލުގައި އެއްވި އެތައް ސަތޭކަ ކުދިންނެއް ވަނީ އެ ކުދިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އާދޭސްކޮށްފައެވެ. އެ އެއްވުމުގައި ބައިވެރިވި ފަލަސްޠީނުގެ ދަރިވަރެއް ކަމަށްވާ މާރިއާ ދާހިރު ބުނީ، ޣައްޒާގެ ކުދިން ބޭނުންވަނީ ތަޢުލީމާއި، ޞިއްޙަތާއި، ރައްކާތެރިކަމާއި އަބުރުވެރި ދިރިއުޅުމެއްގެ ޙައްޤު ކަމަށެވެ. އަދި ދުނިޔޭގެ ކުޑަކުދިންގެ ދުވަހު އެ ކުދިން މަތިން ހަނދާން ނައްތާނުލުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ފަލަސްޠީނުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން، 2023 އޮކްޓޯބަރުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ޢުދުވާނުގައި ޣައްޒާއިން މިހާތަނަށް 74,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 175,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ސުންނާފަތިވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450