ދުނިޔެ

ހޫޘީންގެ އައު ހަމަލާތަކެއްގައި ސަޢޫދީގެ ދެވަނައަށް އެންމެ އުސް ޢިމާރާތަށް ގެއްލުންތަކެއް ލިބިއްޖެ

ހޫޘީންގެ އައު ހަމަލާތަކެއްގައި ސަޢޫދީގެ ދެވަނައަށް އެންމެ އުސް ޢިމާރާތަށް ގެއްލުންތަކެއް ލިބިއްޖެ

ޙޫޘީންގެ ހަމަލާތައް އަމާޒުކުރި އިމާރާތްތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2026، 10:59

20 ނޮވެމްބަރު 2026، 10:59

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކެއް ދިފާޢުކުރުމުގެ ތެރޭގައި، އެ ޤައުމުގެ ސޮވެރިން ވެލްތު ފަންޑުގެ މައި މަރުކަޒު ހިންގާ އުސް ޢިމާރާތަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ގެއްލުން ލިބިފައިވަނީ ސަޢޫދީގެ ދެވަނައަށް އެންމެ އުސް، އަދި ރިޔާޟްގެ މާލީ މަރުކަޒުގައި ހުންނަ އެންމެ އުސް ޢިމާރާތް ކަމަށްވާ 80 ފަންގިފިލާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ޓަވަރަށެވެ.

ސަޢޫދީ ކޯލިޝަނުގެ ތަރުޖަމާނު ތުރްކީ އަލްމާލިކީ ވިދާޅުވީ، ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި މިސައިލް ނުރައްކާ ނައްތާލާފައިވާ ކަމަށާއި، ލިބުނު ގެއްލުންތަކަކީ ވައިގެ ތެރޭގައި ގޮވި މިސައިލްގެ ބައިތައް ވެއްޓިގެން ލިބުނު ގެއްލުންތަކެއް ކަމަށް ބެލެވޭ ކަމަށެވެ. މަންޒަރު ދުށް ފަރާތްތަކުން އޭއެފްޕީ ނިއުސް އެޖެންސީއަށް މަޢުލޫމާތު ދިން ގޮތުގައި، 385 މީޓަރު އުސް އެ ޓަވަރުގެ އެކި ފަންގިފިލާތަކުގެ ބޭރު ފަށަލައަށާއި ކުޑަދޮރުތަކުގެ ބިއްލޫރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ރިޔާސަތު ބަލަހައްޓަވާ، އަދި 900 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އެސެޓް މެނޭޖްކުރާ ޕީއައިއެފްގެ މި ޢިމާރާތަކީ ސަޢޫދީގެ އިޤްތިޞާދު ތެލަށް ބަރޯސާވުން ކުޑަކުރުމުގެ މައިގަނޑު ރަމްޒެވެ.

މީގެ އިތުރުން ސަޢޫދީގެ ދެކުނު ސަރަޙައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް 5 މިސައިލަކާއި ދެ ޑްރޯން ވައްޓާލާފައިވާ ކަމަށްވެސް ކޯލިޝަނުން ހާމަކުރެއެވެ. މި ހަމަލާތަކުގެ ޒިންމާ އުފުލައި ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވީ، ރިޔާޟުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށާއި މާލީ މަރުކަޒަށް ކްރޫޒް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މިއީ މިދިޔަ އޮކްޓޫބަރު މަހު ރިޔާޟްގެ ކިންގް ޚާލިދު އެއާޕޯޓަށް ދިން ހަމަލާގައި 14 މީހުން މަރުވެ، ދަތުރުތައް ދެ ހަފުތާއަށް މެދުކަނޑާލަން ޖެހުނު ފަހުން ދިން މިފަދަ ބޮޑު ހަމަލާއެކެވެ.

މި ހަމަލާތަކާ ގުޅިގެން ސަޢޫދީ ކޯލިޝަނުން ވަނީ ޔަމަނުގެ ވެރިރަށް ސަންޢާގެ އިތުރުން، ރިޔާޟަށް ހަމަލާދިނުމަށް ހޫޘީން ބޭނުންކުރި ކަމަށް ބުނާ ޛަމާރު ސިޓީގައި ހުރި ބެލިސްޓިކް މިސައިލް ލޯންޗިން ޕްލެޓްފޯމަކަށް ވައިގެ ހަމަލާތަކެއްދީ އެތަން ހަލާކުކޮށްލާފައެވެ. އަނެއްކޮޅުން ސަންޢާގައި ހުންނަ ޓެކްސްޓައިލް ފެކްޓްރީއަކަށް ސަޢޫދީން އަނެއްކާވެސް ބޮންއަޅާފައިވާ ކަމަށް ހޫޘީންގެ އަލްމަސީރާ ޓީވީން ރިޕޯޓްކޮށްފައިވެއެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ 2022 ގެ ސުލްޙައިގެ އެއްބަސްވުމަށްފަހު ފިނިވެފައި އޮތުމަށްފަހު، މިދިޔަ ހޫނުމޫސުމުގައި އަލުން ވަރުގަދަވެފައިވާއިރު، ހޫޘީން މިހާރު ދަނީ ސަރުކާރުގެ ވަގުތީ ވެރިރަށް ޢަދަނާ ގާތަށް ފުޅާ ދާއިރާއެއްގައި ކުރިއަރަމުންނެވެ. އދ. އިން ހާމަކުރާ ގޮތުގައި މި ފަހަކަށް އައިސް އަލުން ފެށުނު ހަނގުރާމައިގައި މިހާތަނަށް 1،600 އަށް ވުރެ ގިނަ މީހުން މަރުވެ، 300،000 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ. މިއާއެކު ސަޢޫދީގެ ވަލީއަޙްދު ވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާއާ ބައްދަލުކުރައްވައި އަސްކަރީ ކަންކަމާއި ސަރަޙައްދީ މަސްރަޙާ ގުޅޭގޮތުން ރިޔާޟުގައި މަޝްވަރާ ކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450