ދުނިޔެ
އީރާނުން އެއްބަސްވުމެއް ބޭނުންވިޔަސް ހުށަހެޅުންތައް ކަމަކުނުދޭ: ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--
އެމެރިކާއާއެކު ހިނގަމުންދާ ހަނގުރާމަ ޑިޕްލޮމެސީގެ މަގުން ނިމުމަކަށް ގެނެވިދާނެ ކަމުގެ އުންމީދު އަދިވެސް ކުރާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެފައިވަނިކޮށް، އީރާނުން ބޭނުންވަނީ އޭނާއަށް ބަލައިގަނެވޭ ފަދަ އެއްބަސްވުމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އީރާނުގެ ދައުލަތުގެ ނޫހަކަށް އަރަޤްޗީ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި އީރާނުން އެދެނީ އިތުރު ހަނގުރާމައެއް ނުހިނގާނެކަން ކަށަވަރުކޮށްދޭނެ އެއްބަސްވުމެއް ހޯދުމަށް ކަމަށާއި، މަޝްވަރާތަކާއި މެދު އެމެރިކާ ސީރިއަސްކަން ކަށަވަރުކޮށްދޭ ޔަގީންކަމެއް އީރާނުން ބޭނުންވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެ ފަރާތުގެ ދެމެދުގައި އިތުބާރު ބިނާކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ ސިފަތަކާ ގުޅޭގޮތުން މެދުވެރިންނާއެކު މަޝްވަރާކޮށްފައިވާ ކަމަށް އަރަޤްޗީ ވިދާޅުވިއެވެ.
ނަމަވެސް ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ބުނީ، އީރާނުން އެއްބަސްވުމެއް ހަދަން ބޭނުންވި ނަމަވެސް، އެ ގައުމުން ހުށަހަޅާ ޝަރުތުތަކަކީ އޭނާއަށް ބަލައިގަނެވޭނެ އެއްބަސްވުމެއް ނޫން ކަމަށެވެ.
އީރާނުގެ "ރަތް ރޮނގުތަކުގެ" ތެރޭގައި އެ ގައުމުގައި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ޤައުމުގައި ބެހެއްޓުން ހިމެނޭކަން ފާހަގަކުރައްވަމުން އަރަޤްޗީ ވިދާޅުވީ، ދެފަރާތަށް ވެސް އިންސާފުވެރި ހައްލެއް އަދިވެސް ހޯދިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހައްލަކީ އީރާނުގެ ގައުމީ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ، އަދި ގައުމުގެ ބޭނުންތައް ވެސް ފުއްދައިދޭނެ ފަދަ ހައްލަކަށް ވާންޖެހޭނެ ކަމަށެވެ.
މި މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށްޓަކައި، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ބެލުމުގެ ދަށުން މަތީ ދަރަޖައަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކް ދިޔާކުރުން (ޑައިލިއުޓް ކުރުން) ހިމެނޭހެން، އަމަލީ ގޮތުން ކުރެވިދާނެ ބައެއް ކަންކަން މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އައިއޭއީއޭއިން ލަފާކުރާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖޫން މަހު އިސްރާއީލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދިންއިރު، 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ 440.9 ކިލޯގްރާމްގެ ޔުރޭނިއަމް އެ ޤައުމުގައި ހުއްޓެވެ. އޭގެ ތެރެއިން މިހާރު ސަލާމަތްވެފައިވަނީ ކިހާވަރެއް ކަމެއް އަދި ސާފެއް ނޫނެވެ.
މި ހަމަނުޖެހުންތައް އިތުރަށް ގޯސްވެގެން ދިޔައީ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން، ތެހެރާނުން އިސްރާއީލަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ޤައުމުތަކަށް ރައްދު ހަމަލާތަކެއް ދިނުމުންނެވެ. މި ހަމަނުޖެހުމުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް ބުރޫއަރައި، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ ބޮޑުތަނުން އުފުލިފައެވެ.
ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ޤަތަރާއި އީރާނުގެ އޮފިޝަލުން އަންގާރަ ދުވަހު ބައްދަލުކުރައްވާފައިވާ ކަމަށް ޤަތަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދެ ފަރާތުގެ ވިސްނުންތައް އެއްގޮތްކުރުމާއި، ހުށަހެޅިފައިވާ ކަންކަމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރުން ކަމަށް ޤަތަރުން ހާމަކުރެއެވެ.