ދުނިޔެ
ސަރަޙައްދީ ނުތަނަވަސްކަމާއި އެކުވެސް ތެލުގެ އަގު އެއްވަރެއްގައި
ހޮރްމޫޒް ކަނޑުއޮޅި. ފޮޓޯ: ރޮއިޓަރސް
ހޮރްމޫޒު ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކެއްގައި އަލިފާން ރޯވުމާއި، ޔަމަނުގެ ހަނގުރާމަ ވަރުގަދަވެ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟަށް ޙޫޘީން ދެމުންދާ ޙަމަލާތަކާ ގުޅިގެން ސަރަޙައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވީ ނަމަވެސް، މި ހަފުތާގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓިއްޖެއެވެ.
ތެޔޮ ސަޕްލައިކުރުމުގައި ލިބުނު ބައެއް ލުއިތަކާއެކު، ހުކުރު ދުވަހު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 83.62 ޑޮލަރުގައެވެ. މިއީ މި މަހުގެ ތެރޭގައި 14 އިންސައްތައިގެ ދަށްވުމެކެވެ.
ސަޢޫދީ ޢަރަބިއްޔާގެ ދެކުނުގެ ސަރަޙައްދުތަކަށާއި ވެރިރަށް ރިޔާޟަށް އަމާޒުކޮށް ޙޫޘީން ގިނަ ޢަދަދެއްގެ މިސައިލް ޙަމަލާތައް ފޮނުވަމުންދާއިރު، އޭގެ ތެރެއިން ގިނަ މިސައިލްތައް ސަޢޫދީގެ ވައިގެ ދިފާޢީ ނިޒާމުން ދަނީ ހުއްޓުވަމުންނެވެ. ނަމަވެސް، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ބަލަހައްޓާ ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ހުކުރު ދުވަހު ވަނީ ހޮރްމޫޒު ކަނޑުއޮޅީގެ ނުރައްކަލުގެ ދަރަޖަ "ވަރަށް ބޮޑު" ކަމަށް ކަނޑައަޅައި، އިތުރު ޙަމަލާތަކެއް އައުމުގެ ފުރުޞަތު އެބައޮތް ކަމުގެ އިންޒާރު ދީފައެވެ.
މި ކުރިމަތިލުންތައް އިތުރުވެފައިވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ކަނޑުމަގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އަދި އަލުން ހަނގުރާމަ ފައްޓަވާފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ސަރަޙައްދީ ބޮޑެތި ނުތަނަވަސްކަން ދެމިއޮތް ނަމަވެސް، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރާ މިންވަރު މަދުވި ނަމަވެސް، ހަކަތަ ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ހިނގަމުންނެވެ. މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ހޮޅިލައިން ފަދަ މުހިންމު ބަދަލު މަގުތައް ބޭނުންކޮށްގެންވެސް ތެޔޮ ސަޕްލައިކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.
މި މަހު ތެލުގެ އަގު ކޮންމެވެސް ވަރަކަށް ދަށްވި ނަމަވެސް، ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު ކުރިމަތިލުންތައް ފެށުމުގެ ކުރިން ސާފުނުކުރާ ތެޔޮ ފީފާއެއް ގާތްގަނޑަކަށް 67 ޑޮލަރަށް ހުރި އަގާ އަޅާބަލާއިރު، މިހާރުވެސް ބާޒާރުގައި ތެލުގެ އަގު ހުރީ ނިސްބަތުން މަތީ މިންވަރެއްގައެވެ.