ދުނިޔެ
އީރާނާއެކު ސުލްހައިގެ މަޝްވަރާތައް ކުރިޔަސް ދިފާޢީ މަސައްކަތްތައް ކުރިއަށްދާނެ: ސައޫދީ
އެމެރިކާގެ މިސައިލް ތަކެއް---
އީރާނާއެކު ވާހަކަދައްކައިގެން މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، ކުރިމަތިވެދާނެ ނުރައްކާތައް ހުއްޓުވުމަށް އަޅަންޖެހޭ ދިފާޢީ ފިޔަވަޅުތައް އެޅުމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ސައޫދީ އަރަބިއްޔާއިން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.
މިކަން އެގައުމުން ހާމަކުރެއްވީ އިޓަލީގެ ނޭޕަލްސްގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން، ސުލްހައިގެ މަސައްކަތްތަކަށާއި މަޝްވަރާތަކަށް ކަނޑައަޅާފައި ހުންނަވާ ސައުދީގެ ހާއްސަ މަންދޫބު މަނާލް ރަޟްވާނެވެ.
ކޮންފަރެންސްގައި ވާހަކަދައްކަވަމުން ރަޟްވާން ވަނީ، ކުރިއަށް އޮތް ތަނުގައި، އެ ސަރަހައްދުގައި މިއަށްވުރެ ނުރައްކާތެރި، އަނިޔާވެރި ހަމަނުޖެހުމެއް ހިނގިޔަނުދީ ހުއްޓުވުމަށް ޓަކައި، ދެ ފަރާތުގެ މެދުގައި ސަލާމަތީ ޔަގީންކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ސައުދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ސީދާ ގޮތުން ގުޅިފައިވަނީ، އީރާނާއި، މުޅި ސަރަހައްދީ ގައުމުތަކުގެ ހަމަޖެހުމާއި އަމާންކަމުގެ މައްޗަށްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުން ވާގިވެރިވާ ހަތިޔާރުއެޅި އެކި ޖަމާއަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރަޟްވާން ވިދާޅުވީ، ޔަމަނުގެ ހޫޘީންނާއި، އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ އިތުރުން ލުބުނާނުގެ ހިޒްބުﷲ ފަދަ ޖަމާއަތްތަކަކީ ތަފާތު އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ވާތީ، އެ ޖަމާއަތްތަކާއި މެދު ވަކިވަކިން ހާއްސަ ސިޔާސީ އުސޫލުތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ.
ބައެއް ހާލަތްތަކުގައި އެ ޖަމާއަތްތަކުން އީރާނުގެ ބައިވެރިވުމެއް ނެތި އަމިއްލައަށް ކަންކަން ނިންމާ ނަމަވެސް، އީރާނުގެ ސީދާ ނުފޫޒާއި އަސްކަރީ އަދި މާލީ އެހީތެރިކަމާ ނުލައި އެއިން އެއްވެސް ޖަމާއަތަކަށް ދެމިނުތިބެވޭނެ ކަމަށް ރަޟްވާން ވިދާޅުވިއެވެ. މިހެންކަމުން ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމުގައި މި ޖަމާއަތްތަކުގެ ނުރައްކާ ހުއްޓުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސައޫދީން ދެކޭކަން އޭނާ ހަމަކުރެއްވިއެވެ.