ޚަބަރު
މަޝްރޫޢުތައް ނިމުމުން އިތުރަށް ކޯލްޑް ސްޓޮރޭޖް ހަދަން ނުޖެހޭ މިންވަރަށް ޖާގަ ތަނަވަސްވާނެ: ޝިޔާމް
ފިޝަރީޒް މިނިސްޓަރު ޝިޔާމް އެމްއެމްޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްއެމްޓީވީ
މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ދުވަހަށް ރައްކާކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ނިމުމުން، ރާއްޖޭގެ މަސްވެރިކަމުގެ ޙާލަތަށާއި ލިބިފައިވާ ކޯޓާއަށް ބަލާއިރު އިތުރަށް ކޯލްޑް ސްޓޮރޭޖް ޤާއިމުކުރަން ނުޖެހޭ މިންވަރަށް އެ ޚިދުމަތް ފުޅާވެގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން، މި ވޭތުވެދިޔަ މުއްދަތުގައި ހާސިލުކުރެވުނު ކާމިޔާބީތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް އެމްއެމްޓީވީން ގެނެސްދިން "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއިން ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރެވެން އޮތީ މަސް ޕްރޮސެސްކުރެވޭ މިންވަރާއި، ގަނޑުކޮށްގެން ރައްކާކުރެވޭ މިންވަރު މަތިކޮށްގެން ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުތަކުގައި މި ދާއިރާ ތަރައްޤީކުރުމަށް އެކަށީގެންވާ ދުރުރާސްތާގެ ޕްލޭންތަކެއް އެކުލަވާލެވި އިންވެސްޓްމަންޓްތަކެއް ކޮށްފައި ނެތުމުގެ ސަބަބުން، މަސްވެރިކަމުން ލިބެންޖެހޭ ޙަޤީޤީ މަންފާ ދިވެހި އިޤްތިޞާދަށް ލިބިފައެއް ނުވެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އެ ހާލަތު ބަދަލުކުރުމަށްޓަކައި ތާރީޚުގައި ވެސް ނުކުރާ މިންވަރުގެ ބޮޑު ހޭދައެއް މި ސިނާޢަތަށް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، މަސްވެރިކަމުގެ ސިނާޢަތުގެ ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި މި ސަރުކާރުން ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"މަސްވެރި ސިނާއަތުގެ ތަރައްގީއަށް އެންމެ ބޮޑެތި މަސައްކަތްތަކެއް މިކުރެވެނީ މި ސަރުކާރުން. އެކަމަށް އެންމެ ބޮޑު ހޭދައެއް މިކުރަނީ މި ސަރުކާރުން. ގާތްގަނޑަކަށް އަގުކުރާކަމަށްވާނަމަ، ފަސް ވަރަކަށް ބިލިއަން ރުފިޔާއަށްވުރެ ގިނަ ކެޕިޓަލް އިންވެސްޓުމެންޓު ސަރުކާރަށް އެބަކުރެވޭ. މިއީ އެއްވެސް ޒަމާނެއްގައި މަސްވެރި ސިނާއަތަށް ސިނާއަތުގެ ތަރައްގީއަށް ކުރެވެނު ހަރަދެއް ނޫން،"
ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ހުރި ކޯލްޑް ސްޓޮރޭޖްގެ ޖާގައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މިފްކޯއާއި އަމިއްލަ ފަރާތްތަކުގެ ފެސިލިޓީތަކާއި އުޅަނދުފަހަރު ހިމެނޭހެން މުޅި ރާއްޖޭގައި ވެސް ހުރީ އެންމެ 9،500 މެޓްރިކް ޓަނުގެ މަސް ރައްކާކުރުމުގެ ޤާބިލުކަން ކަމަށެވެ. މިއީ މޫސުމީ މަސްވެރިކަމެއް އޮންނަ ޤައުމަކަށް ބަލާއިރު ވަރަށް ކުޑަ މިންވަރެއްކަން ފާހަގަކުރައްވަމުން، ޝިޔާމް ވިދާޅުވީ ސްޓޮރޭޖް ނެތުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކޮންމެ އަގެއް ހުއްޓަސް މަސް ބޭރުކުރަން މަޖުބޫރުވާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ ސްޓޮރޭޖް ހުރުމުން، ބައިނަލްއަޤްވާމީ ބާޒާރުން އެންމެ ރަނގަޅު އަގު ލިބެންދެން މަސް ރައްކާކޮށްފައި ބެހެއްޓުމުގެ ފުރުޞަތު ލިބި، އޭގެ ފައިދާ ސީދާ މަސްވެރިންނަށް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މޫސުމީ މަސްވެރިކަމެއްގައި ކޯލްޑް ސްޓޮރޭޖު ކެޕެސިޓީ ނެތީމާ މިޖެހެނީ ބޭރުގައި ހުރި އަގެއްގައި ބޭރުކުރަން. މިއަދު އަޅުގަނޑުމެންނަށް އެނގޭ މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޮރޭޖުތައް ގާއިމުކުރަމުން މިދަނީ،"
ޝިޔާމު ވިދާޅުވިއެވެ.
މި މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި، ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން އެންމެ ދެކުނުން އައްޑޫ ސިޓީއާ ހަމައަށް ކޯލްޑް ސްޓޮރޭޖް ނެތް ސަރަޙައްދުތަކުގައި އަލަށް ވަސީލަތްތައް ޤާއިމުކުރުމާއި، މިހާރު ހުރި ތަންތަނުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މި މަޝްރޫޢުތައް އެއްކޮށް ނިމުމުން، ރާއްޖޭގެ މަސް ރައްކާކުރެވޭ މިންވަރު 9،500 މެޓްރިކް ޓަނުން 25،000 މެޓްރިކް ޓަނަށް އުފުލިގެންދާނެއެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، މި ބަދަލާއެކު ރާއްޖެއަށް ލިބިފައިވާ މަހުގެ ކޯޓާއަށާއި މަސްވެރިކަމުގެ ޢާންމު އޮއިވަރަށް ބަލާއިރު، އިތުރު ކޯލްޑް ސްޓޮރޭޖެއް ބިނާކުރަން ނުޖެހޭ މިންވަރަށް ރާއްޖޭގެ މަސް ރައްކާކުރުމުގެ ޤާބިލުކަން ފުރިހަމަވެގެންދާނެ ކަމަށެވެ.