ޚަބަރު
ސްޓެލްކޯގެ އެމްޑީ ވަށަފަރުގެ އިންޖީނުގެއާއި ފެންޕްލާންޓުގެ މަސައްކަތްތައް ދާގޮތް ބައްލަވާލައްވައިފި
ފޮޓޯ: ސްޓެލްކޯ
ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ އިސްވެރިން ޑރ. އަލީ އަޒުވަރު ހއ. ވަށަފަރުގެ އިންޖީނުގެއާއި ފެންޕްލާންޓުގެ މަސައްކަތްތައް ދާގޮތް ބައްލަވާލައްވައިފިއެވެ.
އެކުންފުނީގެ އެމްޑީ އާއި އިސްވެރިން އެ ރަށުގެ އިންޖީނުގެ އާއި ފެންޕްލާންޓްގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލެއްވީ ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުގެ ތެރެއިން ސްޓެލްކޯގެ އެމްޑީ އަޒްވަރު އަދި ކުންފުނީގެ އިސްވެރިން ވަށަވަރު ސްޓެލްކޯ އޮފީހަށާއި، އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓަށް ޒިޔާރާތް ކުރައްވާފައިވާ ކަމަށާއި މި ޒިޔާރަތުގައި، އޮފީހާއި އިންޖީނުގޭގެ އިތުރުން ފެންޕްލާންޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައިވާ ކަމަށް ސްޓެލްކޯ އިން މައުލޫމާތު ދީފައިވެއެވެ.
ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މި ފަހުން ވަނީ ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުން ދެމުންދިޔަ ޔުޓިލިޓީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. މިއާއެކު ކުރިން މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅާއި، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅަށް އެކަނި ޚިދުމަތް ދެމުންދިޔަ ސްޓެލްކޯގެ ދަށަށް، ފެނަކަ އުވާލަން ނިންމުމުގެ ކުރިންވެސް ބ. އަތޮޅާއި، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތައް ވަނީ ބަދަލުކޮށްފައެވެ. އަދި މިއަދު ނިމިގެންދިޔަ މަރުޙަލާއާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް މުޅިން އަލަށް ސްޓެލްކޯގެ އިމުގެ ތެރެއަށް ވަނީ ގެނެވިފައެވެ.
މި ބޮޑު ބަދަލާ ގުޅިގެން، ރަށްރަށުގެ ހިންގުން ހަރުދަނާ އުސޫލުތަކަކަށް ފައްތައި، ސްޓެލްކޯގެ މިންގަނޑުތަކަށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އިދާރީ އޮނިގަނޑަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން އަތޮޅުތަކުގެ އިންޖީނުގެތައް އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓޭނެ ޚާއްޞަ އޮނިގަނޑެއް އެކުލަވާލައި، މިހާރު ވަނީ އަމަލީ ގޮތުން ތަންފީޒުކުރަން ފަށާފައެވެ.