ޚަބަރު
ވަޓްސްއެޕް ގްރޫޕްތަކުގައި ހިމެނޭ މެންބަރުންގެ އަދަދު 1,500 އަށް އިތުރުކުރަނީ
ވަޓްސްއަޕް ފޮޓޯއަށް - ފޮޓޯ: ދަ ޓައިމްސް އޮފް އިންޑިއާ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މެސެޖިން އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕްގެ ގްރޫޕްތަކަށް އެއްފަހަރާ ވެއްދޭ މެންބަރުންގެ އަދަދު 1,500 އަށް އިތުރުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. މިއީ މިހާރު ހަމަޖެހިފައިވާ 1،024 މެންބަރުންގެ ލިމިޓަށްވުރެ 476 މެންބަރުންގެ އިތުރުވުމެކެވެ.
ވަޓްސްއެޕްގެ އެންމެ ފަހުގެ އަޕްޑޭޓްތަކުގެ ޚަބަރުތައް ގެނެސްދޭ އިތުބާރުހުރި ވެބްސައިޓެއް ކަމަށްވާ "ޑަބްލިޔުއޭބީޓާ އިންފޯ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އައު ފީޗާ މިހާރު ދަނީ އެންޑްރޮއިޑް އަދި އައިއޯއެސް (އައިފޯން) ބޭނުންކުރާ ބައެއް ޔޫޒަރުންނަށް ޓެސްޓުކުރުމުގެ ގޮތުން ތައާރަފްކުރަމުންނެވެ. ނަމަވެސް މި ބަދަލު އާންމުކޮށް ހުރިހާ ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ވަކި ތާރީޚެއް އެ ކުންފުނިން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ. އަދި ވަޓްސްއެޕްގެ ރަސްމީ ހެލްޕް ސެންޓަރުގައި އަދިވެސް އެންމެ ގިނަވެގެން މެންބަރުން ހިމެނޭ އަދަދަކަށް ދައްކަނީ 1,024 އެވެ.
މި ބަދަލު ވެގެންދާނީ ގިނަ އަދަދެއްގެ މީހުންނާ އެއްފަހަރާ މުއާމަލާތުކުރަން ޖެހޭ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށެވެ. ވަކިން ހާއްސަކޮށް، ޔޫއޭއީ ފަދަ ގައުމުތަކުގައި ސްކޫލްތަކުގެ ބެލެނިވެރިންގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށާއި، ރެސިޑެންޝަލް ކޮމިއުނިޓީތަކަށާއި، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށް މިކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ. މީގެއިތުރުން، ޖަމިއްޔާ ޖަމާއަތްތަކާއި، ދީނީ ހަރަކާތްތައް ހިންގާ ފަރާތްތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ އިތުރުން ކުޅިވަރު ކްލަބްތަކަށް މުހިންމު ކަންކަން ރޭވުމަށާއި މައުލޫމާތު ފޯރުކޮށްދިނުމަށް މީގެކުރިން ބޭނުންވި ގިނަ ގްރޫޕްތަކުގެ ބަދަލުގައި، އެއް ގްރޫޕެއްގެ ތެރެއިން އެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ރިޕޯޓްތައް ބުނާގޮތުން، މި އައު އަދަދު ހަމަޖެހިގެންދާނީ އެޕްލިކޭޝަންގެ އެންމެ ފަހުގެ ވާޝަން އަޕްޑޭޓްކޮށްފައިވާ ބައެއް ޔޫޒަރުންނަށެވެ. އަދި މި އަޕްޑޭޓް މަޑުމަޑުން އެންމެންނަށް ފޯރުކޮށްދެމުންދާތީ، އަދިވެސް ގިނަ މީހުންނަށް ފެންނާނީ ކުރީގެ ލިމިޓެވެ. މި ފީޗާ ބޭނުންކުރުމަށްޓަކައި މިހާރު ހުރި ގްރޫޕްތައް އުވާލާކަށް ނުވަތަ އެއްވެސް ސެޓިންގްސްއަކަށް ބަދަލު ގެންނާކަށް ނުޖެހޭނެއެވެ. އެޑްމިނިސްޓްރޭޓަރުންގެ އެކައުންޓަށް މި އަޕްޑޭޓް ލިބުމާއެކު، ކުރީގެ ގްރޫޕްތަކަށްވެސް ޖުމްލަ 1،500 މީހުން ހަމަވަންދެން މެންބަރުން އިތުރުކުރެވޭނެއެވެ.
މި ބަދަލު ވަޓްސްއެޕް ކޮމިއުނިޓީސްގެ ތެރޭގައި ހިމެނޭ އިންޑިވިޖުއަލް ޗެޓްތަކަށް ވެސް އަންނާނެ ކަމަށް ވެއެވެ. ނަމަވެސް، ކޮމިއުނިޓީސް އެނައުންސްމަންޓް ގްރޫޕްތަކަށް ކަނޑައަޅާފައިވާ 2،000 މެންބަރުންގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
ތިމާގެ އެކައުންޓަށް މި އައު އަޕްޑޭޓް ލިބިފައިވޭތޯ ބެލުމަށްޓަކައި، އެޑްމިންގެ ހައިސިއްޔަތު އޮތް ގްރޫޕެއް ހުޅުވައި، ގްރޫޕްގެ ނަމަށް ފިތާލުމަށްފަހު "އެޑް ޕާޓިސިޕެންޓްސް" އޮޕްޝަން ބަލައިލެވިދާނެއެވެ. މި އަޕްޑޭޓް ލިބިފައިވާނަމަ 1،024 އަށްވުރެ އިތުރަށް މީހުން އެޑްކުރުމުގެ ހުއްދަ އެޕްލިކޭޝަނުން ދޭނެއެވެ.
ވަޓްސްއެޕުން މީގެކުރިން 2022 ވަނަ އަހަރު ވެސް ވަނީ ގްރޫޕްތަކުގެ ޖާގަ 512 މެންބަރުންގެ ބަދަލުގައި 1،024 އަށް އިތުރުކޮށް، ގްރޫޕްގެ ޖާގަ ދެގުނައަށް ބޮޑުކޮށްފައެވެ.