ޚަބަރު
ބީއެމްއެލް މެދުވެރިކޮށް ލޯނު ދޫކުރާ އުމުރު 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް ޖައްސަން ރައީސް އެދިވަޑައިގެންފި
ރައްޔިތުންގެ އަޑު ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތަކާއި ބައްދަލު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރާ ލޯނުތަކުގެ އެޕްލިކޭޝަން ބަލައިގަންނަ އެންމެ ދޮށީ އުމުރަކީ 75 އަހަރު ނުވަތަ އެއަށްވުރެ މަތީ އުމުރެއް ކަމުގައި ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ތެރެއިން، އުމުރުން ދުވަސްވީ އާންމު ރައްޔިތަކު ދެންނެވި ވާހަކަތަކަކަށް ޖަވާބުދެއްވަމުންނެވެ.
އެ ޕްރޮގްރާމުގައި ވާހަކަދެއްކި މީހާ ވަނީ، އަމިއްލަ ބިމުގައި ގެދޮރު އިމާރާތްކުރުމަށްޓަކައި ލޯނެއް ހޯދުމަށް މަސައްކަތްކުރިއިރު، ބޭންކުތަކުން ކަނޑައަޅާފައިވާ 60 އަހަރުގެ ލިމިޓަށްވުރެ އޭނާގެ އުމުރު މަތިވެފައިވާތީ ލޯނު ލިބޭގޮތް ނުވިކަން ހިއްސާކޮށްފައެވެ. އަދި އޭނާގެ ދަރިންގެ ތައުލީމީ ބޭނުންތަކަށާއި އެހެނިހެން ކަންކަމަށް މިހާރުވެސް ލޯނު ނަގާފައި ހުރުމުގެ ސަބަބުން، ދަރިންގެ ނަމުގައި ލޯނު ނަގައިގެންވެސް އެކަން ކުރެވެން ނެތް ކަމަށް އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ، މަރުވުމަކީ ވަކި އުމުރަކަށް ބަލައިގެން ވާކަމެއް ނޫން ކަމަށާއި، ލޯނު ނަގައިގެން 10 ބުރީގެ އިމާރާތެއް އެޅުމުން އެ ތަނުގެ އަގު ހުންނާނެތީ، ލޯނު އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ އިމާރާތް ނުވަތަ އެސެޓް ބޭންކަށް ނެގޭނެ އުސޫލެއްގެ ތެރެއިން ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އެންމެ ތަންކޮޅެއް ގޯސްކޮށް އިންނަނީ، އެއީ މުސްކުޅިންނަށް ލޯނު ލިބޭނެގޮތެއް ނޯވޭ. މުސްކުޅިވިޔަސް ޒުވާންވިޔަސް މަރުވާންވީމަ މަރުވޭ އެބަ. މުސްކުޅިވިޔަސް އެސެޓް މޯގޭޖްކޮށްފަ އިދޭ. އެހެންވީމަ އަޅުގަނޑު ގެ ހަދަން ލޯނު ނަގައިފިއްޔާ 10 ބުރިޔަށް ހެދޭ، 10 ބުރިޔަށް ހަދައިފިއްޔާ އެތާގެ އަގު ހުރޭ. އެހެންވެއްޖިއްޔާ އަޅުގަނޑު ލާރިނުދައްކައިފިއްޔާ އެތަން ނެގޭނެ ނޫންތޯ."
ރައީސްއަށް ހިތުގައި ހުރި އުދާސްތައް ހިއްސާ ކުރައްވަމުން އެމީހާ ބުންޏެވެ.
މީގެއިތުރުން، 1991 ވަނަ އަހަރުން ފެށިގެން އަމިއްލަ ވޯކްޝޮޕެއް ހިންގަމުން އަންނަކަން ފާހަގަކޮށް، ވިޔަފާރި ފުޅާކުރުމަށްޓަކައި ތިލަފުށިން ބިމެއް ހޯދުމަށް ބޭނުންވާ ވާހަކައާއި، މާލޭގެ ހަނި ގޯޅިތަކާއި ކަންމަތީގައި ގަވާއިދާ ހިލާފަށް ސައިކަލު ޕާކުކުރުމުގެ ސަބަބުން ގެދޮރަށް ވަދެނުކުތުމަށް ކުރިމަތިވާ ތަކުލީފުތަކުގެ ޝަކުވާވެސް އޭނާ ރައީސަށް ދެންނެވިއެވެ.
އެ ވާހަކަތަކަށް އިޖާބަދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ އުންމީދީ އުމުރު ނުވަތަ އެވްރެޖް އުމުރު މިހާރު 80 އަހަރާ ގާތްކުރާއިރު، ބޭންކުތަކުން ލޯނު ދޫކުރުމުގައި 60 އަހަރުގެ ލިމިޓެއް ކަނޑައަޅާފައި އޮތުމަކީ މިހާރުގެ ހާލަތާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް، ބީއެމްއެލްގެ ލޯނު ދޫކުރުމުގެ އުމުރުގެ މިންގަނޑު 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް ބަދަލުކުރުމަށް މިހާރު އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގައިވެފައި އޮތް ގޮތަކީ ތަންކޮޅެއް ކުރިން އަޅުގަނޑުމެންގެ އެވްރެޖް އޭޖް ތަންކޮޅެއް ކުޑަ. މިހާރު 80 ހިސާބުގައި މިއުޅެނީ. އެހެންވީމަ 60 އަހަރު ކުރީގެ ލިމިޓަކީ ބެންކު އޮފް މޯލްޑިވްސްގަ. އަޅުގަނޑު ދެންނެވިން ބެންކުގަ އެއަށް ބަދަލެއް ގެނެސްދޭށޭ. ކަމާއި ބެހޭ ވުޒާރާގައި ފިނޭންސް މިނިސްޓްރީގައި ދަންނަވާފަވާނެ. އަޅުގަނޑު އެދިފައި އޮންނާނީ 75 އަހަރާ ހަމައަށް ނޫނީ އެއަށްވުރެވެސް މައްޗަށް އޭޖް ލިމިޓް،"
ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، މާލޭގެ މަގުތަކުގެ ކަންމަތިތަކުގައާއި ހަނި ގޯޅިތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން މިހާރު ހާއްސަ އޮފީހެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މިކަމަށް އަވަސް މުއްދަތެއްގެ ތެރޭގައި ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.