ޚަބަރު
ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މިއަދު
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު. ފޮޓޯ: އެމްޑީޕީ
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރުފަހަށް ހައިކޯޓުން ތާވަލުކޮށްފިއެވެ.
ޝާހިދު ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މި މަހުގެ ދެވަނަ ދުވަހުގެ ރޭގައެވެ. ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު އޭނާގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ ގާތްގަނޑަކަށް އޭގެ ހަފްތާއެއް ފަހުންނެވެ. އޭގެ ފަހުން މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭގައި ފުލުހުން ވަނީ މާލޭގައި ޝާހިދު ދިރިއުޅުއްވާ ހ. ރަބީއީމަންޒިލްއަށް ވަދެ ބަލައި ފާސްކޮށްފައެވެ.
މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ފުރަތަމަ ތާވަލުކުރީ މި މަހުގެ ފަނަރަ ވަނަ ދުވަހަށެވެ. މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން އެ ދުވަހު ކެންސަލްކޮށްފައިވާއިރު ކެންސަލްކުރި ސަބަބެއް ހައި ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައިގެ އަޑުއެހުންތަކަށް މިދިޔަ ހަފްތާގައި ޝާހިދު ކޯޓަށް ހާޒިރުކޮށްފައިވާއިރު، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ގާނޫނީ ގޮތުން ސިއްރުކޮށްގެން ކުރިއަށްގެންދަންޖެހޭ ބާވަތުގެ މައްސަލަތަކަކަށް ވާތީ، މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު ކޮށްގެންނެވެ.
ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
ޝާހިދު ހައްޔަރު ކުރުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިދުގެ މައްޗަށް ކުރެވިފައިވަނީ ނުހަނު ސީރިއަސް ތުހުމަތުތަކެއް ކަމަށާއި، މި މައްސަލައިގައި އެއްވެސް ސިޔާސީ މަގުސަދެއް ނެތް ކަމަށް ވިދާޅުވެފައެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މިފަދަ ސިޔާސީ ބަދަލުހިފުންތައް ނިމުމަކަށް ގެންނަވާފައިވާ ކަމަށް ވިދާޅުވަމުން އެމަނިކުފާނު ހާމަކުރެއްވީ، މިއީ ކުޑަކުއްޖެއްގެ ހައްގުތަކާ ގުޅިފައިވާ މައްސަލައަކަށް ވުމުން، ތުހުމަތު ކުރެވޭ ފަރާތަކީ ކޮންމެ މީހަކަށް ވިޔަސް ގާނޫނުގެ ކުރިމަތީގައި ތަފާތުކުރުމެއް ނޯންނާނެ ކަމަށެވެ.
ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ޢަބްދުﷲ ޝާހިދަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަދި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޖުލައި 1983 ގައި އާދައިގެ މުވައްޒަފެއްގެ ގޮތުގައި ޚާރިޖީ ދާއިރާއާ ގުޅިވަޑައިގެންނެވި ޝާހިދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވައި، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. މި ބޮޑު ތުހުމަތާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިރު، ޝާހިދު ގެންދެވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމުގެ ޓިކެޓް ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުންނެވެ.