ޚަބަރު
ކަސްޓަމްސް މުވައްޒަފުންނަށް ގާއިމްކުރާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އަންނަ އަހަރު ފަށަނީ
ފޮޓޯ: ޕީއެސްއެމް
ކަސްޓަމްސް މުވައްޒަފުންނަށް ގާއިމްކުރާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ހޯމްލޭބްޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދައިން ވިދާޅުވީ ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ކަސްޓަމްސް މުވައްޒަފުން ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ބޯހިޔާވަހިކަމުގެ ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި އެގޮތުން ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިކަމަށް ބޭނުންވާ ބިން ހުޅުމާލެއިން ހަމަޖައްސާފައިވާއިރު އެތަނުގައި ފްލެޓްތައް އެޅިގެން ދިއުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
"އަންނަ އަހަރަކީ އެތަނުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރު، އަޅުގަނޑުމެން މި ބަލަނީ ފުރަތަމަ ކުއާޓަރު ތެރޭގައި، އެތަނުގެ އަމަލީ މަސައްކަތްތައް މާނައަކީ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެއްޓޭ ވަރަށް އެތަނުގެ މަސައްކަތްތައް ބައްޓަން ކުރުން،"
އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން އިހުސާން ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު އޮތް ގޮތުން ހުރި ދަތިތަކާއެކުގައިވެސް މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މުސާރައިގެ އޮނިގަނޑަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސްދެއްވާފައިވާ ކަމަށެވެ.
ކަސްޓަމްސް ގެ މުވައްޒަފުންނަށް ހާއްސަކޮށް އެޅުމަށް ހަމަޖެހިފައިވަނީ 100 ހައުސިން ޔުނިޓެވެ. މީގެ ތެރޭގައި ތިން ކޮޓަރީގެ 85 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 15 އެޕާޓްމަންޓް ވެސް ހިމެނެއެވެ.