ޚަބަރު
ރިއަލް އެސްޓޭޓް ބިލުގެ މަޝްވަރާއަށް ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި
ފޮޓޯ: މަޖިލިސް
ރިއަލް އެސްޓޭޓް ބިލުގެ މަޝްވަރާއަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި މި ބިލަށް ލިޔުމުން ހިޔާލު ހޯދުމުގެ އިތުރުން ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށްގެން ސުވާލުކުރުމަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެމްބަރު އާޒިމް އަބްދުލް އަޒީޒްއެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ، މެދު ހެންވޭރު ދާއިރާގެ މެމްބަރު ހުސައިން ނާސިހު އެވެ.
މި ކޮމިޓީގައި އާޒިމް ވިދާޅުވީ މި ބިލާ ގުޅިގެން އާންމުންގެ ހިޔާލާއި ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތައް ކަމުގައިވާ އޭޖީ އޮފީސް، ފިނޭންސް މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ، ވިޒިޓް މޯލްޑިވްސް އަދި އިކޮނޮމިކް މިނިސްޓްރީ ފަދަ މިނިސްޓްރީތަކަށް ލިޔުމުން ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުވެ ބިލުގައި ހުރި ބައެއް ކަންތައްތަކާ ބެހޭގޮތުން ކޮމިޓީ މެމްބަރުން ބޭނުންވާ ސުވާލުތަކަށް ޖަވާބު ހޯދުމުގައި ފަސޭހަވާނެތީ އެ ގޮތް ހުށަހެޅުއްވީ ކަމަށެވެ.
ރިއަލް އެސްޓޭޓް ބިލަކީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގެ މަސައްކަތް ކޮމިޓީން އަންނަ މަހުގެ 7އަށް ނިންމުމަށް ކަނޑައަޅާފައިވެއެވެ. މި ބިލާ މެދު ހިޔާލު ހުށަހެޅުމުގެ ފުރުސަތު، އަންނަ މަހުގެ 2ގެ ނިޔަލަށް އާންމުންނަށް ހުޅުވާލާފައިވެއެވެ.