ޚަބަރު
ކަސްޓަމްސްއިން ސަވައިލަންސް ޑްރޯންއާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
ފޮޓޯ: ޕީއެސްއެމް
މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން، ސަވައިލަންސް ޑްރޯންއާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.
މި ވަސީލަތްތައް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ ކަސްޓަމްސްގެ ހިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައެވެ. މި އާލާތްތަކުގެ ތެރޭގައި ހިމެނޭ ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު ލިބިފައިވާ ވަސީލަތްތައް ކަމުގައިވާއިރު، އޮފިސަރުންގެ މަސައްކަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާތައް ހަދިޔާކޮށްފައި ވަނީ އެމެރިކާ ސަރުކާރުންނެވެ.
މި ޖަލްސާގައި ކޮމިޝަނާ ޖެނރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވާހަކަ ދެއްކެވިއެވެ. ދިޔާނާ ވިދާޅުވީ އަލަށް ތައާރަފްކުރެވުނު ބޮޑީވޯން ކެމެރާއާއި ސަވައިލަންސް ޑްރޯންއަކީ ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މިއާއެކު ކަސްޓަމްސްއަށް އޮތް އިތުބާރާއި ޔަގީންކަން އިތުރުވެ، ބައިނަލްއަގުވާމީ ބަދަލުތަކާއި ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް މޮނިޓާކޮށް ބެލެހެއްޓުން މިހާރަށްވުރެ ވަރުގަދަކުރެވިގެންދާނެ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.
މި ޖަލްސާގައި "އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު" ގެ ނަމުގައި ފޮތެއް ނެރެފައިވާއިރު މި ފޮތުގައި ކަސްޓަމްސްގެ ތާރީޚާއި ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ހިމަނާފައިވެއެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެކި ދާއިރާތަކުން އިނާމާއި ޝަރަފުގެ ކުލަ އަރުވާފައިވެއެވެ.