ޚަބަރު
އައްބާސް އިބްރާހީމަށް އެންމެ މަތިވެރި ޝަރަފު ލިބިވަޑައިގަތުމުން ރައީސް މައުމޫން ތަހުނިޔާ ވިދާޅުވެއްޖެ
ޢަައްބާސް އިބްރާހިމަށް އެންމެ މަތިވެރި ޝަރަފު އެރުވުން. ފޮޓޯ: ރައީސް އޮފީސް
ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މ. ސިލްވަރކްލައުޑް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް ލިބިވަޑައިގަތުމާއި ގުޅިގެން ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މި ޢިއްޒަތް ޢައްބާސް އިބްރާހީމަށް އަރުވާފައިވަނީ 19 ނޮވެމްބަރު 2026 ވީ ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ދައުލަތުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި ޢައްބާސް އިބްރާހީމަށް މަރުޙަބާ ވިދާޅުވެ، ރައީސް މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ލިބިވަޑައިގަތުމާއި ގުޅިގެން ޢައްބާސް އިބްރާހީމަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވާ ކަމަށެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ޢައްބާސް އިބްރާހީމަކީ ދިވެހިބަހުގެ ގަވާއިދަށް ފަރިތަ ކުޅަދާނަ ލިޔުންތެރިއެކެވެ. މީގެ އިތުރުން އެމަނިކުފާނަކީ ވާހަކަދެއްކުމުގެ ފަންނުގައި ލާމަސީލު ނަމޫނާއެއްގެ އިތުރުން، އަދަބީ އެކި ރޮނގުތަކުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި އަދިވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބަހުގެ އުސްތާޛެކެވެ.
ދިވެހިބަހަށް އެންމެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ޢައްބާސް އިބްރާހީމަށް ލިބިވަޑައިގަތީ 22 ޑިސެންބަރު 1996 ގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ސަރުކާރުން އެމަނިކުފާނު ޢައްޔަންކުރެއްވި ހިސާބުންނެވެ. އެ މަޤާމުގައި ޚިދުމަތް ކުރެއްވި 12 އަހަރެއްހައި ދުވަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ބަހުގެ ކުރިއެރުމަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން 2000 ވަނަ އަހަރު ދިވެހިބަސްފޮތް ޑިޖިޓަލައިޒްކޮށް، ކޮމްޕިއުޓަރުން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުން ފާހަގަކޮށްލެވެއެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، ދިވެހި ނޫސްވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޢައްބާސް އިބްރާހީމަށް ވަނީ ނޫސްވެރިކަމުގެ ރަން ގަލަން ލިބިވަޑައިގެންފައެވެ. އަދި ނޫސްވެރިކަމަށް 75 އަހަރު ފުރުމާއި ގުޅިގެން އެމަނިކުފާނަށް "އަލިމަސް ގަލަން" އެރުވުނުއިރު، މޯލްޑިވްސް މީޑިއާ ކައުންސިލުން ދެއްވާ "ޙަޔާތުގެ އަރުތަ" ޝަރަފުވެސް ވަނީ އަރުވާފައެވެ.
ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ ދާއިރާއަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ޢައްބާސް އިބްރާހީމް މިހާރު ހުންނެވީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަޤާމުގައެވެ.