ޚަބަރު
އެމްއެންޑީއެފްގެ އެކްސަސައިޒް ޖައްރާފާ ފަށައިފި
ފޮޓޯ: އެމްއެންޑީއެފް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ބާއްވާ "އެކްސަސައިޒް ޖައްފާރާ" ފަށައިފިއެވެ.
މި އެކްސަސައިޒް މިއަދު ފަށާފައި ވަނީ އެކަމަށް ހާއްސަކޮށް ކަޅުތުއްކަލާ ކޮށީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި އެކްސަސައިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި މި އެކްސަސައިޒްގެ ތަމްރީނުތައް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށީގެ އިތުރުން ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި މިއަދުގެ އެކްސަސައިޒް ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގައްޔާއި، މާލޭ ސަރަހައްދުގައި ފަޔާ ވެހިކަލް ސައިރަން އެޅުމާއެކު ހަރަކާތްތެރިވާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި އެކްސަސައިޒަކީ ފަޔާ އެންޑް ރެސްކިއު ސާވިސްއިން އަމަލުކުރަމުންދާ ފަޔާ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭންއަށް އަހުލުވެރުވުމުގެ ގޮތުން ކުރިއަށް ގެންދާ އެކްސަސައިޒެކެވެ.
މި އެކްސަސައިޒް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔަރ ފައިޓަރުން ހަރަކާތްތެރިވާ އިރު، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުން ހިމެނޭ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އޭގެ އިތުރުން ފަޔާ އެމަޖެންސީ އޮޕަރޭޝަން ޕްލޭނަށް ފަރިތަކުރުން ހިމެނޭ ކަމަށް ވެސް އެ އިދާޜާއިން ބުނެފައިވެއެވެ.